ދާދިފަހުން ބޭއްވުނު ޖަނާޒާއެކެވެ. ޖަނާޒާއަށް ދިއަ އެކަކީ ހުރިހާ ކުދިންގެ ބޮޑުދައިތައެވެ. ހުރީ ފެޝަނަށް ބޯކޮށާލައި އެކަން އިޝްތިހާރުކޮށްގެންނެވެ. ޢުމުރަކީ 75 އަހަރުން މައްޗެވެ. ބައްދައި އޮޅުލަން ޖެހުނީ ބުރުގާ އަޅައި އަޢުރަ ނިވާކޮށްގެން ތިބި ކުދިންނާއިއެވެ. މަންޒަރު ބަލަން ތިބި ގިނަ ބއަކަށް ބުނެވުނެވެ. "ބޮޑުދައިތަ މަރުވުމުން ހިނަވައި ކަފުންކުރާބައަކު ހަމަޤައިމުވެސް އޭނާބޮލާއި މޫނު ނިވާކުރާނެއެވެ. މިހުރީ ޢިބްރަތް ޙާޞިލުކުރުން މުހިންމު ކަންކަމެވެ.
ދެން މިދައްކަނީ އެއްވެސް މީހަކަށް ނުއެނގޭ ކަންކަމުގެ ވާހަކައެއް ނޫނެވެ. ޓީވީތަކުންނާއި ނޫސްތަކުންނާއި ސޯޝަލްމީޑިއާއިން އަބަދު ފެންނަކަމެއްގެ ވާހަކައެވެ.
ބައެއް ޤައުމުތަކުގައި މުސްލިމް އަންހެނުން ބުރުގާ އަޅައިގެން ތިއްބައި ފެނުމުން އެމީހުންގެ ބުރުގާ ގަދަކަމުން ބާލުވައި އަދަބެއްގެ ގޮތުން ފުލުހުން އެމީހުންގެ ގައިގައި އެއްތެލުން ތެޅުން ފަދަ އަނިޔާތައް ކުރެއެވެ. ބޮޑެތި އަދަދުތަކުން ޖުރުމަނާކުރެއެވެ. މޫނުބުރުގާއެއްނަމަ ޖަލަށްލައެވެ.
އެހެންކަމާއިއެކުވެސް އެޤައުމުތަކުގައި ދިރިއުޅޭ މުސްލިމް އަންހެނުން ހިތްވަރު އެލުވައެއް ނުލައެވެ. ބުރުގާ އެއްލާލައި ބަރަހަނާއެއް ވެސް ނުވެއެވެ. ތަޅާފައި ދޫކޮށްލުމުން ހިނގައިގަންނަނީ ބުރުގާ އަޅައިގެންނެވެ. ދެވަނަ ފަހަރަށް ތަޅައިފި ނަމަ ލިބޭނެ އަނިޔާއަށްވުރެ އެމީހުން ބިރުވެތިވަނީ ﷲ ތަޢާލާގެ ޢަޛާބަށެވެ!
އަހަރެންގެ ސުވާލަކީ މިފަދަ އެއްވެސް ހުރަހެއް ނެތް މުސްލިމް އަދި މުސްލިމް ނޫން ޤައުމުތަކުގެ ބައެއް މުސްލިމް އަންހެނުންނަށް މިއަދުވެފައި މިތިބީ ކީއްހެއްޔެވެ؟ އަމިއްލަ އިޚްތިޔާރުގައި އަޢުރަ ކަޝްފްކޮށްގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ ގޮތުގައި ތިބެމެ އެމީހުން އީމާންވާ އިލާހަކީ ﷲ ތަޢާލާ ނޫން އިލާހަކީ ހެއްޔެވެ؟ އެމީހުންނަށް ތަފާތު ޤުރްއާނެއް ފެނިގެން އުޅެނީ ހެއްޔެވެ؟
ނޫނެކެވެ! މިއިން އެއްވެސް ކަމެއް ވީއެއް ނޫނެވެ! އެމީހުންނަށް ﷲ ތަޢާލާގެ ފޮތާއި ދުރުވެވުނީއެވެ! ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް ނެތީއެވެ! އަދި ކައްވަޅުގެ ޢަޛާބަށާއި އާޚިރަތް ދުވަހަށް ބިރުވެތިކަމެއްވެސް ނެތީއެވެ! ޝައިޠޯނާގެ ބަސް ޤަބޫލުކުރެވި މަގުފުރެދުނީއެވެ!
ލޮބުވެތި ކަނބަލުންނޭވެ! ބިރުވެތިވާށެވެ! އަމިއްލަ ހަށިގަނޑު ދައްކައި ނުވިއްކާށެވެ! ނީލަން ނުކިޔާށެވެ! އެއީ ތިއަ ލޮބުވެތި ކަނބަލުންގެ އަތުގައިވާ އެންމެ އަގުބޮޑު ޚަޒާނާއެވެ. އެންމެ އަގުހުރި ރައުސުލްމާލެވެ! އަގުވައްޓާލައި ނީލަން ނުކިޔާށެވެ! ޢިއްފަތްތެރިކަން ދިފާޢުކުރާށެވެ! ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން