ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުމުންވެސް ހިލޭ އަންހެނުންގެގާތަށް ގޮސްއުޅުނު ފިރިހެނަކަށް ދެއަނބިން އެކުގަ ގެއްލި ނިކަމެތިވާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުމުންވެސް ހިލޭ އަންހެނުންގެގާތަށް ގޮސްއުޅުނު ފިރިހެނަކަށް ދެއަނބިން އެކުގަ ގެއްލި ނިކަމެތިވާންޖެހުނު ގޮތުގެ ވާހަކަ-

ރާއްޖޭގައިވެސް ކަސްބީ އަންހެނުންގެ ގާތަށް ގޮސް ބަލިތައް ލިބިގަނެގެން އެނބުރި ގެއަށްގޮސް އަނބިންނަށް އެބަލިތައް ފޯރުކޮށްދިނުމުގެ މައްސަލަތައް ގިނަވަމުންދާއިރު ތިރީގައިވާ ވާހަކައަކީ އަދި ކިޔުން ތެރިޔާ ބުނެފައިވާ ބަސްކޮޅަކީ ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ކަމަށް ޤަބޫލުކުރެވެއެވެ.  

އެއީ ވެސް ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާއަކީ ތަނަވަސް އަންހެނެކެވެ. ފިރިމީހާއަކީ އަނބިމީހާގެ ތަނަވަސްކަމުގައި ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ. ކައިވެންޏަށް 8 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ދެމަފިރިންވެސް ތިބީ އެކަމުގެ މާޔޫސްކަމުގައެވެ.  

ފިރިމީހާ އެއްދުވަހަކު ބުނީ އަނބިމީހާ ސިއްސައިގެންދާ ފަދަ ވާހަކައެކެވެ. އެއީ އޭނާ ދެވަނަ ކައިވެންޏެއްކޮށްގެން އުޅޭކަމާއި ދެވަނަ އަނބިމީހާ ބަލިވެ އިނދެ ބަނޑަށް 4 މަސް ކަމަށެވެ. އެހެންކަމުން އަނބިމީހާ ގެއަށް ގެނެސްގެން ގެންގުޅެން ބޭނުން ކަމަށެވެ.  

އެއީ އަޑުއަހަން ކިތަންމެ އުނދަގޫ ވާހަކަތަކަކަށްވީނަމަވެސް އަނބިމީހާ އަޑުއެހިއެވެ. އަދި ފިރިމީހާގެ އިޙްޞާޞްތަކަށް އިޙްތިރާމްކޮށް ދެވަނަ އަނބިމީހާ ގެއަށް ގެންނަން އެއްބަސްވިއެވެ. އެއީ އޭނާއަށް ދަރިއަކު ނުލިބޭތީއެވެ. އެކަން ޤަބޫލުކޮށްގެންނެވެ.  

ގެއަށް ގެނެވުނު ދެވަނަ އަނބިމީހާގެ ކިބައިން ހިތްހަމަނުޖެހޭ އެތައް ކަމެއް ފެންނަމުން ދިއައިރުވެސް ދޮށީ އަނބިމީހާ ކެތްތެރިވިއެވެ. އަމިއްލަގޭގައި އަމިއްލަ އަމުރު ނުހިނގުމުގެ އެތައް މައްސަލަތަކެއް ކުރިމަތިވިއިރުވެސް ޒުވާބުނުކޮށް ކެތްތެރިވެލިއެވެ.  

އެކަމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ އަނބިމީހާގެ ހިތުގައި ދޮށީއަނބިމީހާގެ ޤަދަރާއި އިހްތިރާމް އުފެދުނެވެ. ދެއަނބިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދަން މަސައްކަތްފެށިއެވެ. ދުވަސްކޮޅެއްފަހުން ދެވަނަ އަނބިމީހާ ދޮށީ އަނބިމީހާއަށް ކިޔައިދިނެވެ.  

"އަހަރެންނަކީ ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުން އައި އަންހެނަކީމެވެ. ކިޔެވީވެސް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށްވުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކުއްލިއަކަށް މަންމަ އާއި ބައްޕަ ނިޔާވުމުން ބޭބެމެން ގެއަށް ގަދަވެ ގަނެފައި އަހަރެން ގެއިން ނެރެ މަގުމަތިކޮށްލީއެވެ.  

މަގުމަތިވެފައި އިންދާ އަހަރެންނަށް އެހީތެރިވެދޭނެ ކަމަށްބުނެ އަންހެނަކު އަހަރެން ގެންދިއައީ އޭނާގެ ގެއަށެވެ. އެއީ އަންހެންކުދިން ގެންގޮސްގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގާ އަންހެނެކެވެ. އެތަނުން ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. ދޮރުން ބޭރަށް ނުކުތަކަ ނުދެއެވެ. ތިބެނީ ގާޑުން ލައިފައެވެ. 

ކަލޭގެ ފިރިމީހާއަކީ ޢާންމުކޮށް އެގެއަށް ޒިޔާރަތްކުރާ މީހެކެވެ. އަހަރެންނާއި ބައްދަލުވީ އެތަނުގައި ބަންދުވެފައި އިންދައެވެ. އަހަރެން ކަލޭގެ ފިރިމީހާ އާއި ގުޅުނީ އޭނާ ރީތިވެގެނެއް އަދި ލޯބިވެގެނެއްވެސް ނޫނެވެ. ހަމައެކަނި އެތަނުން ސަލާމަތްވުމުގެ ބޭނުމުގައެވެ. އެތަނުން އަހަރެން ސަލާމަތްކޮށްދީފައި ފްލެޓެއް ކުއްޔަށް ހިފާފައި މިހައި ދުވަހު ބެއިންދީ އެތަނުގައެވެ. ބަލިވެ އިނީމާ ލިބެންއުޅޭ ދަރިފުޅު ހަތިޔާރަކަށް ހަދައިގެން މިގެއަށް ގެނައީއެވެ. 

އެއްވެސް ޙާލެއްގައި އަހަރެންނަކީ ދެމަފިރިއެއްގެ ދެމެދަށް ވަންނަން ބޭނުންވި އަންހެނަކީމެއް ނޫނެވެ. ނަމަވެސް ޙާލަތުމަޖުބޫރުކުރުވީއެވެ. ބައެއްފަހަރު އަހަރެންނަށް ނޭދެވޭ ބަސްބުނެވި ކަންކަން ވެސް ކުރެވުނީ އުޅެންޖެހުނު ގޮތުން ސިކުނޑިއަށް ލިބިފައިވާ އުނިކަމުގެ ސަބަބުންނެވެ. އަހަރެންނަށް ކުރެވުނު ކުށްތަކަށް މާފުކުރާށެވެ!"  

ދޮށީ އަނބިމީހާ އޭނާއަށް މާފުކުރިއެވެ. ހިތްހެޔޮކޮށްގެން ދެމީހުން އެކުގައި އުޅެމުން ގޮސް ވިހައި ގަދަވެގެން 3 މަސްވުމުން 3 މީހުން އެކުގައި ކާން ތިބެފައި ދޮށީ އަނބިމީހާ ބުންޏެވެ. "އަހަރެން ކަލޭގެ ގާތުން ވަރިވާން ނިންމައިފީމެވެ. ނަމަވެސް އެއީ ދެވަނަ އަނބިމީހާގެ ސަބަބަކުން ނުވަތަ ދަރިއަކު ލިބުމަކުން ނޫނެވެ. ޖީޒް ބޭނުންނަމަ މިގޭގައި އިނދެވޭނެއެވެ. ދަރިފުޅުވެސް ބަލައިދޭނަމެވެ. ނަމަވެސް ކަލެއަކަށް މިގެއަކު ދެނެއް ނުއުޅެވޭނެއެވެ. 

ކުންފުނި ހިންގުންވެސް މިހާރުވާނީ ބޭބެއާއި ޙަވާލުކޮށްފައެވެ. ވީމާ މިހާރު އޮފީހުގައި ކަލެއަކަށް ގޮނޑިއެއް ނުހުންނާނެއެވެ. އަދި ކުރާނެ މަސައްކަތެއްވެސް ނުހުންނާނެއެވެ. ވީމާ އަހަރެން ވަރިކޮށްފައި މިގެއިންދާށެވެ. ޖީޒް ދިއުމާއި ނުދިއުން އޮތީ ޖީޒްގެ އަތްމަތީގައެވެ.  

އަހަރެން ކަލޭގެ ގާތުން ވަރިވާން ނިންމި ސަބަބު މިބުނަނީއެވެ. އިންސާނަކަށް ބޭނުންވާނެ ހުރިހާ ކަންކަން އަހަރެން ކޮށްދެމުން ދަނިކޮށް ނާސިގެތަކަށް ގޮސް ކަސްބީ އަންހެނުންނާއިއެކު ގުޅުންހިންގީތީއެވެ. އެކަމުން އަހަރެންނަށް އަރައިފާނެ ބައްޔަކަށްވެސް ބަލައިނުލީތީއެވެ. އެކަން އެގޮތަށް ނުކޮށް ދެވަނަ އަންހެނަކާއި ކައިވެނިކުރަން އެދުނުނަމަ އެކަމަށް މަރުޙަބާ ކީމުހެވެ. ފުރަތަމަ ދުވަހުން ފެށިގެން މިގޭގައިވެސް ގެންގުޅުނީމުހެވެ.  

ނަމަވެސް ކަލެއަކީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއްވީމާ އަހަރެން މިވަކިވީއެވެ. ކަލޭ އިޞްލާޙެއްވެސް ނުވާނެއެވެ. ދެއަނބިން ތިބިނަމަވެސް ކަލޭގެ ނުބައިކަމެއް ނުކެނޑޭނެއެވެ.  އެހެން މިބުނަނީ ނުކެނޑުނީމައެވެ. އެންމެފަހުން ރޭވެސް ކަލޭ ނާސިގެއަކަށް ދިއައެވެ. އަހަރެންނަށް ކަލޭގެ ޙަޤީޤަތް އެނގުނު ދުވަހުން ފެށިގެން މިއައީ ވަރަށް ރަނގަޅަށް ފާރަލަމުންނެވެ. މީގެ 5 މަސްކުރިން ފެށިގެން ކަލެއާއިއެކު ރޭކުރުން ހުއްޓާލީވެސް ހުރިހާ ކަންކަން ޔަޤީންކޮށްފައެވެ. ވީމާ އިތުރަށް ފާޑުފާޑުގެ ވާހަކަތައް ނުދައްކައި އަވަހަށް މިގެއިންދާށެވެ."  

އަނބިމީހާ ދެއްކި ވާހަކަތަކަށް ދެވޭނެ ޖަވާބެއް ނެތުމުން ނިކަމެތިކަމާއިއެކު ގެއިން ނުކުމެގެންދިއައީއެވެ. ހަގު އަނބިމީހާ އިޚްތިޔާރުކުރީވެސް ވަރިވެ އެގޭގައި އިނުމަށެވެ. އެހެންވެ ނުކުމެގެންދާންޖެހުނީ އެކަންޏެވެ.  

ދުވަސްކޮޅެއްފަހުން ދެއަންހެނުން ވެސް ކައިވެނިކުރިއެވެ. ދެއަންހެނުން ބަލިވެއިނީވެސް އެކުއެކުގައެވެ. ގޮތެއް ނެތިފައި އިން އަންހެނަކަށާއި އޭނާގެ ދަރިފުޅަށް ހެޔޮކޮށްހިތުންވީ އޭނާއަށް ދަރިން ލިބެން މެދުވެރިވި ސަބަބަށެވެ.  

މިއީ ހަމަ މިފަދަ ނިކަމެތިހާލެއްގައި އަޅުގަނޑު އިން ދުވަސްކޮޅަކު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ހިފިނުހުރެގެން މިފަދަ ނުބައި ގޮތްގޮތަށް އުޅޭ ފިރިހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ. އަދި އެފަދަ ފިރިންގެ ސބަބުން އަނިޔާލިބޭ އަންހެނުންނަށް ހިތްވަރަކަށްވާނެ ކަމަށްވެސް އުންމީދުކުރަމެވެ.  

"ނާސިގެ" ނަމުގައި ރާއްޖޭގައި ނަންބޯޑު ނުޖަހަނީއެވެ. ނަމަވެސް ގިނަ ގެސްޓް ހައުސްތަކަކީ ހަމަ ހަށިވިއްކާ ނާސިގެތަކެކެވެ. "ސެލޫން، ސްޕާ،" ފަދަ ނަންބޯޑުތައް ޖަހައިގެންވެސް ގިނަ ތަންތަނުގައި ކުރަނީ އެއްކަމެއްކަން އެއަންނަނީ ފަޅާއަރަމުންނެވެ.  

ވީމާ މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް ވަރަށް ބޮޑު މައްސަލައެކެވެ. އަޅުގަނޑުގެ ފިރިމީހާ ފުލުހުން ލައްވައި ގެސްޓް ހައުސްއެއްގެ ކޮޓަރިއަކުން ނެރުވީމެވެ. ނަމަވެސް މައްސަލަ ނިމުނީ "އަޅުކަންކުރަން" ގޮސްއުޅުނުކަމަށްވެގެންނެވެ.  

- ޒަޢީމާ / މިއަދުނޫގެ ކިޔުންތެރިއެއް

މިއަދު އޮންލައިން