ރަސޫލް (ﷺ) މީސްތަކުންގެ ކިބައިން ފުރަތަމަވެސް ހޯއްދެވީ "އަލްއަމީން" ގެ ލަޤަބެވެ. "ތެދުވެރިކަމުގަ އެންމެ އަރާހުންނެވި ޞާޙިބާ"ގެ ޝަރަފެވެ. ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާތީއެވެ! ވަޢުދަކާއި ޚިލާފްވެވަޑައި ނުގަންނަވާތީއެވެ! އަމާނާތަކަށް ޚިޔާނާތްތެރިވެވަޑައި ނުގަންނަވާތީއެވެ!
ޚަދީޖަތުގެފާނުގެ ހިތްޕުޅުގައި ރަސޫލް (ﷺ) އަށް ލޯބި އުފެދުނީ ރަސޫލްކަން ލިބިވަޑައިގަންނަވާނެކަން އެނގިވަޑައިގަތުމަކުން ނޫނެވެ! ރަސޫލް (ﷺ) ގެ ތެދުވެރިކަން ބޮޑުކަމުންނެވެ. އެ ޔަޤީންކަމުގައެވެ.
ރަސޫލް (ﷺ) ދީނަށް ގޮވާލައްވަން ފެށްޓެވިއިރުވެސް މުޝްރިކުން ރަސޫލް (ﷺ) އެއްވެސް ކަމެއްގައި އިތުރުފުޅު ނުހައްދަވާނެ ކަމުގެ ޔަޤީންކަން މުޝްރިކުންނަށް އޮތެވެ. އެކަމަށް އިއްތިރާފްވެސް ވެއެވެ. އީމާން ނުވީ ރަސޫލް (ﷺ) ގެ ވާހަކަފުޅުގެ ތެދުކަން ޤަބޫލުނުކުރެވޭތީއެއް ނޫނެވެ. ޖާހިލުކަން ބޮޑުކަމުން ގޮތް ދޫނުކުރަންވެގެންނެވެ.
އީމާންވި މީހުން އީމާންވަމުން ދިއައީ ވެސް ރަސޫލް (ﷺ) އަށް އިތުބާރުގެ ބޮޑުކަމުންނެވެ. ޙައްޤު ބަސްފުޅެއް މެނުވީ ޙަދީޘް ނުކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް މިންވަރު ބޮޑުކަމުންނެވެ.
މިދެއްކުނީ މިއަދުވެސް ދުނިޔޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތުގެ ގޮތުގައި ބަލައިގަންނަމުން އަންނަ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ﷺ) ގެ ވާހަކައެވެ.
މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ "ސިޔާސީ މީހުން" މާނަކުރެވެނީ ދޮގުހަދާ މީހުންގެ ގޮތުގައި ނޫންހެއްޔެވެ؟ މުޖުތަމައުތައް ބަނޑަށްޖެހި ނިކަމެތިވަމުން މިއަންނަނީ އެކަމުގެ ސަބަބުން ނޫން ހެއްޔެވެ؟ ރައްޔިތުންނަށް އުފާވެރިކަން ލިބި ތަރައްޤީވެ ކުރިއަރައި އެދަނީ ތެދުވެރިކަމާއިއެކު ބަސްބުނެ ތެދުވެރިކަމާއިއެކު ޢަމަލުކުރާ މުޖުތަމައުތައް ނޫން ހެއްޔެވެ؟
މުޖުތައުތައް އެއްކިބާގައި ބާއްވާށެވެ! ގިނަ ޢާއިލާތައްވެސް ބަނގުރޫޓުވެ ނިކަމެތިވަމުން މިދަނީ ތެދުވެރިކަން ނެތުމުން ނޫން ހެއްޔެވެ؟ މުޅި ޢާއިލާއަށް ﷲ ތަޢާލާ ދެއްވަވާ ރިޒުޤުން އަމިއްލައަށް ވެސް ވައްކަން ކުރެވޭތީ ނޫންހެއްޔެވެ؟ ޢާއިލާއަށް ސިއްރުން ބޭކާރު ޚަރަދުތައް ކުރާތީ ނޫން ހެއްޔެވެ؟
ކޮންމެ ކަމެއްގައިވެސް ތެދުވެރިކަން އިސްކުރާށެވެ! ހުރިހާ ކަންބޮޑުވުމަކުންވެސް ސަލާމަތް ވެވޭނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން