ބައެއް މީހުން ބުނެއެވެ. އެއްގޮތަކަށް ދީނަށް ޢަމަލުނުކުރާ މީހުންނަށްވެސް ހަމަ އެންމެ އާޔަތެއްގެ މާނައެނގުމުންވެސް އިޞްލާޙްވެ އަޅުކަންކުރަން ފަށައެވެ. އަދި ފާފަކުރުންވެސް ހުއްޓާލައެވެ. އެއީ ތެދެއްތޯ؟ އެފަދަ މީހަކު އެނގިލައްވާތޯ؟
ކުރީގެ ޒަމާންތަކުގައިވެސް އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. ކާފިރުންނަށް އަޑުއިވޭ އެންމެ އާޔަތެއްގެ ސަބަބުން އިސްލާމްވެ ދީން އުނގެނި ޢިލްމްވެރިންނަށްވެ ދީނަށް ޚިދުމަތްކުރައްވާފައިވެސް އެބަ ހުއްޓެވެ. އަދި މިޒަމާނުގައިވެސް އެފަދަ ކަންކަން ދަނީ ހިނގަމުންނެވެ. ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ. މިފަދަ ކިތަންމެ ވާހަކައެއް ވަނީ މަޝްހޫރުވެފައެވެ.
މިއީ އިޓަލީގެ މިލާން އަށް އުފަން، އުމުރުން 39 އަހަރުގެ މުއްސަނދި ޒުވާން ވިޔަފާރިވެރިޔާ
ޔޫސުފް އަލީގެ ވާހަކައެވެ. އޭނާއަކީ ދިރިއުޅުމުގައި އެތަކެއް ކާމިޔާބީއެއް ޚާސިލް ކޮށްފައިވާ، އަދި ޒުވާން އުމުރުގައި ކާމިޔާބު ވިޔަވާރިއެއް ވެސް ހިންގުމުން މަޝްހޫރުވެފައިވާ ޔޫސުފް އުފަންވީ މުސްލިމެއްގެ ގޮތުގައެވެ. ނަމަވެސް ހިތާމައަކީ، އެހެން މަޝްހޫރު މުސްލިމުންތަކެކޭ އެއްފަދައިން، ޔޫސުފް ވެސް މުސްލިމެއްގެ ގޮތުގައި ހުރީ ހަމައެކަނި ނަމަކަށް ކަމެވެ.
އޭނާ ނަމާދެއް ނުކުރެއެވެ. އަދި ރޯދައެއް ވެސް ބަރާބަރަށް ނުހިފައެވެ. ހިފާ ރޯދައެއް ވެސް ހިފަނީ، ހަމައެކަނި ނުކައި ހުރެގެން އެކަންޏެވެ. އެއްވެސް އަޅުކަމެއް ނުކުރެއެވެ. މީގެ އިތުރުން އެހެނިހެން ފާޙިޝް ޢަމަލުތައް ކޮށް އުޅުނެވެ. ކުރެވެނީ ފާފައެއްކަން އެނގުނު ނަމަވެސް، އެކަންތައް ރަނގަޅު ކުރުމުގެ ހިތްވަރެއް ޔޫސުފް އަކަށް ނުލިބުނެވެ. އޭނާ ދެކުނު ގޮތުގައި، އެއް ފާފަ ކުރެވިފައި ހުރުމުން މާތް ﷲ ހުންނާނީ އޭނާ ދެކެ ނުރުއްސަވާ، އޭނާއަކީ ތަޤްވާވެރި ނޫން މީހުންގެ "ލިސްޓަށް" ލައްވަވައިފައެވެ. އެހެންކަމުން ދެން އިތުރަށް ފާފައެއް ނުކޮށް ހުރުމުގެ ބޭނުމެއް ނެތެވެ.
ޔޫރަޕްގެ އެހެން ޒުވާނުންނެކޭ އެއްފަދައިން، އުމުރުން 18 އަހަރުވުމަށްފަހު ޔޫސުފް ވެސް ދިރިއުޅެމުން ދިޔައީ އާއިލާއާއި ވަކިން، އޭނާގެ އަމިއްލަ ގެއެއްގައެވެ. އެހެންނަމަވެސް ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ގައި އޭނާގެ މައިންބަފައިންގެ ގެއަށް ޒިޔާރަތް ކުރެއެވެ. އަދި އެނބުރި އަމިއްލަ ގެއަށް ދަނީ ޢީދުގެ ތިން ދުވަސް ނިމުމަށް ފަހުއެވެ. އޭގެއިތުރުން ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހު ވެސް ޔޫސުފް އޭނާގެ އާއިލާއަށް ޒިޔާރަތް ކުރެއެވެ.
އެފަދައިން ޒިޔާރަތްކުރަން ކުރި ދަތުރެކެވެ. އެއީ ރަމަޟާން މަހުގެ 27 ވިލޭރެއެވެ. މަންމަގެ އެދުމުގެ މަތިން ޔޫސުފް ވެސް އިނީ ލިވިންގް ރޫމްގައި، އޭނާގެ އާއިލާއާއިއެކު މައްކާގައި ކުރެވޭ ތަރާވީޙް ނަމާދު ބަލާށެވެ. ޓީވީ އަށް ބަލަން އިން ކަމުގައި ވިޔަސް، ޔޫސުފް ގެ ޚިޔާލުތައްވީ މުޅިން އެހެން ދިމާލެއްގައެވެ. ނަމާދު ކުރަމުން ދިޔަ ގޮތެއް، ކިޔަމުން ދިޔަ އެއްވެސް އެއްޗެއް ޔޫސުފް އަކަށް ނޭނގޭ ފަދައެވެ.
ނިދި ތާއްޔަށް ޖެހިޖެހި އިންދާ ކުއްލިއަކަށް ޔޫސުފްއަށް ހޭވެރިކަންވީ އިމާމް މީހާ މިއާޔަތް ކިޔަމުން ދަނިކޮށެވެ. ތަކުރާރުކޮށް މިއާޔަތް ކިޔަމުން ދިޔުމުން، ޔޫސުފްގެ ހިތައް ވަރަށް ބޮޑަށް ކީރިތި ޤުރްޢާނުގެ އެއާޔަތް ވަނެވެ. އޭނާއަށް ހީވީ އެއީ ވަކިން ޚާއްސަކޮށް އޭނާއަށް ދެމުން ދިޔަ މެސެޖެއް ހެންނެވެ.
އެހެންކަމުން އެއީ ކޮން ސުރަތެއްގެ ކޮން އާޔަތެއްތޯ މަންމަ ގާތު ޔޫސުފް އެއްސެވެ. ޔޫސުފްގެ މަންމަ އަކީ ޤުރްއާން ހިތުދަސް ޙާފިޛާ އެކެވެ. އޭނާގެ މަންމަ ޖަވާބު ދިނެވެ. "އެއީ ސޫރަތުލް ޛުމަރް ގެ 53 ވަނަ އާޔަތެވެ."
ލަހެއްފަހެއް ނުކޮށް ޔޫސުފް ކީރިތި ޤުރްއާންގެ އިނގިރޭސި ތަރުޖަމާ ނެގިއެވެ. އަދި އެއާޔަތުގެ މާނަ ކިޔާލުމަށްފަހު އޭނާއަށް ރޮވުނެވެ.
“Say: O (you) ‘Ibadi (Allah’s slaves) who have transgressed against themselves (by doing evil deeds and sins)! Despair not the Mercy of Allah, verily, Allah forgives all sins. Truly, He is Oft-forgiving, Most Merciful”
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ."
މާތް ﷲ އެކަލާނގެ ހުރިހާ އަޅުތަކުންދެކެ އިންތިހާއަށް ލޯބިވެވޮޑިގެންވާކަމާއި އެކަލާނގެއީ އެންމެ ރަޙްމާންވަންތަ ރަޙީމްވަންތަ އަދި ހުރިހާ ކަމަކަށް ވެސް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެކަން، މިއާޔަތުން ޔޫސުފް އަށް ދޭހަވެ ޤަބޫލު ކުރެވުނެވެ.
އޭނާގެ ހުރިހާ ފާފަތައް ފުއްސަވާ ދެއްވުން އެދި ދުޢާކޮށް، ކުރެވުނު ހުރިހާ ފާފައަކަށް ތަޢުބާވިއެވެ. އަދި އެދުވަހަށްފަހު ފުރިހަމަ މުސްލިމެއްގެ ގޮތުގައި ޔޫސުފް ދެމިހުއްޓެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނަމޫނާއަކަށް ބަލަންވީ މިފަދަ މީހުންގެ ކިބައިންނެވެ. މިހުންނަނީ އަގުބޮޑު ފިލާވަޅުތަކެވެ.