ފާފަވެރިވާނެ އެއްވެސް ޢަމަލެއް ކުރަން ބާރުއަޅާ ބައިވެރިއަކާއެކު ދިރިއުޅުން ހުއްދައެއް ނޫން! އޮތީ އަވަހަސް ވަކިވުން!: ޑރ. މުޙައްމަދު ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފާފަވެރިވާނެ އެއްވެސް ޢަމަލެއް ކުރަން ބާރުއަޅާ ބައިވެރިއަކާއެކު ދިރިއުޅުން ހުއްދައެއް ނޫން! އޮތީ އަވަހަސް ވަކިވުން!: ޑރ. މުޙައްމަދު ޞާލިޙް

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ދެމަފިރިންކުރެ އެކަކުވެސް އަނެކާއަށް ބާރުއަޅައިގެން ނުވާނެއެވެ. ކަނޑައެޅިގެން ޙަރާމް އެއްވެސް ކަމެއް ކުރަން ބައިވެރިޔާއަށް ބާރުއަޅާނަމަ އޮތީ ވަރިވުމެވެ. ނުވަތަ ވަރިކުރުމެވެ. 

މިޘާލަކަށް ތަނަވަސްކަން އިތުރުކުރަން ބޭނުންވުމުން ބައެއް މީހުން އެމީހުންގެ ބައިވެރިޔާއަށް ބާރުއަޅައިގެން އެބަ ވައްކަން ކުރުވައެވެ. އެނޫން ޙްރާމް ގޮތްގޮތުންވެސް އެބަ ފައިސާ ހޯދައެވެ. މިއީ އެއްވެސް ގޮތަކުން ހުއްދަވާނެ ކަމެއް ނޫނެވެ. 

މިހާރަކަށް އައިސް އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ ބަރަހަނާ (ފިލްމް/ވީޑިއޯ) ބަލަން ބައިވެރިޔާއަށް މަޖުބޫރުކުރުވާ ކަމުގެ ޝަކުވާއެވެ. މިއީވެސް ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެފަދަ ކަންކަން ކުރަން ބާރުއަޅާނަމަ އެމީހަކަށް އެދެވެނީ ﷲ ތަޢާލާގެ ދީނުން ބޭރުވެގެންނެވެ. އަދި އެފަދަ ކަންކަން ކުރަން ބާރުއަޅާނަމަ އެމީހަކު އެވަނީ އިންސާނުންގެ ދަރަޖައިން ބޭރުވެވި ޙައިވާނުންގެ ދަރަޖައަށް ވެއްޓެވިފައެވެ. 

އެކަންކަން އިޞްލާޙްނުކުރާނަމަ އޮތީ އަވަހަށް އެމީހަކާއި ދުރުވުމެވެ. އެންމެ ބޮޑު ސަބަބަކީ އެފަދަ ކަންކަން ކުރަން ފަށައިފިނަމަ ހިތް ނުފުރި ތިމާއަށްވެސް ޖަނަވާރުން ފަދައިން އުޅެވެންފަށައިފާނެ ކަމެވެ. އެއިރުން ގެއްލިގެން އެދަނީ އެމީހެއްގެ އާޚިރަތެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. 

އަނބިންނަށް ބުނެލަން އޮތީ އެފަދަ ކަންކަން ކުރަން ފިރިމީހާ ބާރުއަޅާނަމަ ވިސްނައިދިނުމުންވެސް ގޮތް ދޫނުކުރިނަމަ އަވަހަށް އެމީހެއްގެ ކިބައިން ވަކިވާށެވެ. ވަކިވުމަކަށް ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ދީން ބާރުއަޅަނީވެސް އެފަދަ މީހުންނާއި ވަކިވުމަށެވެ. އަދި ވަކުވުންވާނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ތެރެއިންނެވެ. ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އިޙްޞާންތެރިންގެ ސިފައެވެ. އިޙްޞާންތެރިވުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހެޔޮގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ 

- ޑރ. މުޙައްމަދު ޞާލިޙްގެ ދަރުސަކުން

މިއަދު އޮންލައިން