ޢިބްރަތްތެރި ވާހަކަ: މައިންގެ ހިތުގަ ޖައްސުވައި ކަރުނައަލަންޖެއްސުވުމަކީ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމަށް ހުރަސްއެޅޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޢިބްރަތްތެރި ވާހަކަ: މައިންގެ ހިތުގަ ޖައްސުވައި ކަރުނައަލަންޖެއްސުވުމަކީ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމަށް ހުރަސްއެޅޭ ކަމެއް!

މައިންނަށް އޯގާތެރިނުވާ، ހެޔޮކޮށް ނުހިތާ މީހަކަށް އެހެން އެއްވެސް މީހަކާއިމެދު ރަނގަޅަށް ކަންކަން ކުރެވުމަކީ ވަރަށް ދުރުކަމެކެވެ. ފުރަތަމަ ސަބަބަކީ އެމީހެއްގެ ހިތުގައި އެއްވެސް މީހަކަށް ރަޙުމް ނުއޮންނާނެކަމެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވެސް ނުވެވޭނެ ކަމެވެ.  

އެހެންކަމުން ބުއްދިވެރިއަކު އެފަދަ މީހަކު އޭނާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރެއް ނުކުރާނެއެވެ. ބަލާނީ އެމީހަކާއި ދުރުހެލިވުމަށެވެ. ތިރީގައިވާ ވާހަކައިންވެސް އެނގިގެންދަނީ ހަމަ އެކަމެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!    

އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރި އުޚުތުގެ ޙަޔާތުގައި ދިމާވިކަމެއްގެ ވާހަކައެވެ. އޭނާ ފުރަތަމަ ކުރަން އުޅުނު މީހާއަށް ކުރެވުނު ބޮޑުކުށަކާއި ގުޅިގެން ކައިވެނިކުރުން ވަގުތުން ހުއްޓާލަންޖެހުނު ގޮތުގެ ވާހަކައެވެ. އެކަމުން ފިރިހެންމީހާއަށް ކުރަންޖެހުނު ހިތާމައިގެ ވާހަކައެވެ. މިއީ ޢިބްރަތުން ފުރިގެންވާ ޙާދިސާއެއްގެ ވާހަކައެވެ.  

އޭނާ ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އަހަރެއްހައި ދުވަހު އުޅެފައި ދެމީހުން ކައިވެނިކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ނިންމިއެވެ. އެކަމަށްވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވުމަށްފަހު ވާންއުޅޭ ފިރިމީހާގެ މަންމައާއި ބައްދަލުކުރަން ފުރަތަމަ ފަހަރަށް ދިއައެވެ.  

ގެއަށް ދެވުނު ވަގުތަކީ މަންމަ ކޮންމެވެސް ކަމަކު އޭނާގެ ދަރިއަކާއި ތަންކޮޅެއްބާރަށް މުޚާޠަބްކުރަމުން ދިއަ ވަގުތެކެވެ. އެހެންކަމުން މަންމަ ހުރީ ކުޑަކޮށް ރުޅިގަދަވެފައެވެ. އެހެންވެ ދެމީހުންނާއި ބައްދަލުކުރީ ހިނިތުންވުމެއް ނެތިއެވެ.  

ދަރިފުޅު އެކަމާއި ވަރަށް ރުޅިއައެވެ. އޭނާދުށީ އެއީ އޭނާގެ އަގުވައްޓާލުން ކަމަށެވެ. އެހެންވެ މަންމަގެ ހިތުގައި ޖެހޭނެފަދަ ބަސްތަކެއް ބުންޏެވެ. އެކަމާއި ދެރަވެ މަންމަ ވަގުތުން ރޯން ފެށިއެވެ. މަންމަ ރޯންފެށުމުންވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެފަދަ އެތައް ބަސްތަކެއް ތަކުރާރުކުރިއެވެ.  

އޭނާއަކަށް ކެތެއް ނުކުރެވުނެވެ. މަންމަގެ ގައިގައި ފިރުމައިލިއެވެ. އަދި އެކަން ކަމަކަށް ނުހަދަން ބުނެ ހިތްވަރުދިނެވެ. އެތަން ފެނުމުން ފިރިހެންމީހާގެ ބޮޑާކަން އިތުރުވިއެވެ. ކުރިއަށްވުރެވެސް ހުތުރު ބަސްތައް ބުނަންފެށިއެވެ.  

އެހިސާބުން އޭނާ ނުކުމެގެން އައެވެ. އެނބުރި ގެއަށް އައިސް މެސެޖްކުރިއެވެ. "އަހަރެން ގާތުގައި ވަރަށް ރަނގަޅު މީހަކަށް ހެދިގެން އެހައި ލޯބިން އުޅުނު މީހާއަކީ އޭނާގެ ހިތުގައި އޭނާގެ މަންމައަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތް މީހެއްކަން އެނގުމުން ވަރަށް ޙައިރާންވެއްޖެއެވެ. އަހަރެންނަށް އެނގޭ ކަމަކީ މަންމަގެ މައްޗަށް ހިތުގައި ލޯތްބެއް ކުލުނެއް މީހެއްގެ ހިތުގައި އަނބިމީހާގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއް ނުއޮންނާނެ ކަމެވެ. މަންމައާއި ދިމާއަށް ބުނާ ބަސްތަކަށްވުރެ މާހުތުރު ބަސްތައް ބުނާނެ ކަމެވެ. މާއަނިޔާވެރިކޮށް ކަންކަން ކުރާނެ ކަމެވެ. ވީމާ މިހިސާބުން މިގުޅުން ނިންމައިލީއެވެ. ދެން ނުގުޅާށެވެ. ވަރަށް ހެޔޮދުޢާ ސަލާމް!" 

އެޒުވާނާއަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ. ވަރަށް ގިނައިން ގުޅިއެވެ. ފޯނުނުނަގާތީ މެސެޖްތައްވެސް ކުރިއެވެ. އެއްވެސް މެސެޖަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. ހިތަށް އެރިއެވެ. "އެހާ ގިނަ ދުވަހު މަސައްކަތްކޮށްގެން ހޯދުނު ބައިވެރިޔާ ގެއްލުނީއެވެ. މިގެއްލުނީ ހާދަބޮޑު ފުރުޞަތެކެވެ. ތަނަވަސް މީހަކަށްވާން ލިބުނު ފުރުޞަތުވެސް ގެއްލުނީއެވެ. އަހަރެންނަކީ އެހައި ރުޅިގަދަ މީހަކީމެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު މަންމައާއިމެދު އެދުވަހު އެގޮތަށް ކަންކަން ކުރެވުނީ ކީއްވެގެންބާވައެވެ. ކުށްވެރިއަކީ ހަމަ އަހަރެންނެވެ."  

މިއީ އޭނާ ވިސްނިގޮތެވެ. އަޅުގަނޑުގެ ވިސްނުން ވަރަށް ތަފާތެވެ. އޭނާއަކީ ރުޅިގަދަ އެފަދަ ބަސްތައް ބުނެއުޅޭ މީހަކު ނޫންނަމަ އެފަދަ ވަގުތެއްގައި އެގޮތަކަށް ކަންކަމެއް ނުކުރެވޭނެއެވެ. އަދި އެންމެ ބޮޑު ސަބަބަކީ މަންމަގެ ލޮލުން އޮހޮރުނު ކަރުނައެވެ. ކަރުނަ އޮހޮރެން ފެށުމުންވެސް އަސަރުނުކުރި ކަމެވެ. އެކަމަށްޓަކައި އޭނާއަށް ލިބުން ދާދިގާތުގައި އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިއައީއެވެ.  

މިއީ ވާހަކައަކަށް ބަލައިފިނަމަ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރެވުނީ ވަރަށް މުހިންމު ވާހަކަކޮޅެކެވެ. ވިސްނައި ފިކުރުކޮށްފިނަމަ ވަރަށް ފައިދާކުރާނެ ވާހަކަކޮޅެކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން