ބުނަންހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވެ ތަޤްވާވެރިކަންމަތީގައި ޘާބިތުވެގެންހުރި އަންހެނަކު ބަލިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެމީހުން ތިބޭނީ އަބަދުވެސް ހިނިތުންވެގެންނެވެ. ހެއްކާއި ސަބަބު މިކިޔައިދެނީއެވެ.
ފުރަތަމަ ކަމަކަށް އެމީހުން ތިބޭނީ ﷲ ތަޢާލާ ވޮޑިގެންވަނީ އެމީހުންނާއިއެކުގައިކަން ޔަޤީންކޮށްގެންނެވެ. އެމީހުންނަށް ﷲ ތަޢާލާ ރަޙުމްކުރައްވަވާނެކަން ޔަޤީންކޮށްގެންނެވެ. އެހެންވެ އެމީހުންގެ ޢަޤީދާ ގުޑުވައެއް ނުލެވޭނެއެވެ. އެމީހުންގެ ފިރިންނަށްވެސް އެކަމެއް ނުކުރެވޭނެއެވެ.
ވިސްނާށެވެ! ލޫޠުގެފާނާއި ނޫޙޫގެފާނުގެ އަނބިކަނބަލުންވަނީ ނަރަކައިގައެވެ. ދުނިޔޭގައި އުފެދުނު އެންމެ ރަޙުމްކުޑަ ނުބައި ނުލަފާ ޖައްބާރު ފިރުއަޢުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު ވަނީ ސުވަރުގޭގައެވެ. ސުވަރުގޭގެ އެންމެ މަތީ ޢިއްޒަތުގައެވެ. މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލައަކީ އާސިޔަތުގެފާނުގެ ސިޔަރަތުން ޢިބްރަތް ޙާޞިލުނުކުރެވޭކަމެވެ.
އަންހެނަކަށްވުމަކީ ތަޤްވާވެރިކަމުގައި އެންމެ މިލިމީޓަރެއްވެސް ފަހަތަށްޖެހޭނެ ސަބަބެއް ނޫންކަން މިއޮތީ ކިތަންމެ ރަނގަޅަކަށްވެސް ފެންނާށެވެ. އަދި އަންހެނަކަށްވީތީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުން ޛައްރެއްގެ މިންވަރުވެސް މަދުނުކުރައްވަވާނެކަންވެސް މިއޮތީ ފެންނާށެވެ!
ތަޤްވާވެރި އަންހެނުން މިއަދުވެސް ތިބީ ހަމައެޘާބިތުކަންމަތީގައެވެ. ޣައްޒާގެ ޙާލަތަށް ބެލުމުން މިއަދުވެސް މިއޮތީ އެތަން ފެންނާށެވެ! ބޮލަށް ބޮންތައް އޮއްސަމުން ގެންދާއިރުވެސް އެކަނބަލުން އެންމެ އިންޗިއެއްވެސް އެބަ ފަހަތަށް ޖެހޭ ހެއްޔެވެ؟ ވީމާ އަންހެނަކަށްވީތީ ބަލިކަށިވާނެކަމަށް ހީވެސް ނުކުރާށެވެ!
ލޮބުވެތި ކަނބަލުންނޭވެ! ތަގްވާވެރިކަމުގައި ޘާބިތުވެ ތިބެން މަސައްކަތްކުރާށެވެ! ތިއަ ކަނބަލުން ބަލިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން