ނަމާދަށް ސަފުހަދާއިރު ސަމާލުކަންދޭންވީ ކަންކަން-: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ނަމާދަށް ސަފުހަދާއިރު ސަމާލުކަންދޭންވީ ކަންކަން-: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުން ސަމުރަތުގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަފުތަކަށް ނިކުމެ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ފަހެ ތިޔަބައިމީހުން މަލާއިކަތުން އެބޭކަލެއްގެ ވެރި އިލާހުގެ ޙަޒުރަތުގައި ސަފުތައް ހައްދަވާ ގޮތަށް ސަފުތައް ނުހަދަނީ ކީއްވެގެންހެއްޔެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މަލާއިކަތުން އެބޭކަލުންގެ ވެރި އިލާހުގެ ޙަޒުރަތުގައި ސަފުތައް ހައްދަވަނީ ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެބޭކަލުން ފުރަތަމަ ސަފުތައް ފުރާލައްވައެވެ. ފުރަތަމަ ސަފުތައް އެބޭކަލުން ފުރާލައްވައެވެ. އަދި އެކަކު އަނެކަކަށް ޖެހި ބާރުވެގެން ހުސްތަން ފުރާލައްވައެވެ." 

މި ޙާދީޘް ބަސްފުޅުން އަޅުގަނޑުމެންނަށް އިނގޭގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިވަނީ ނަމާދުގެ ސަފުތައް ތަރުތީބު ކުރާއިރުގައި ވަކި ގޮތަކަށް ތަރުތީބުކުރަން އަޅުގަނޑުމެންނަށް  މިވަނީ އަންގަވާފައެވެ. ކޮންމެ މިސްކިތެއްގަވެސް އިމާމުމީހާ ނަމާދު ފެށުމުގެ ކުރިން އެކަމަށް އިރުޝާދު ދެއްވައެވެ. "ނަމަވެސް އަޅުގަނޑުމެންނަށް ސަފުތައް ތަރުތީބުކުރަންވީ ގޮތް ޙަޤީގަތުގަ ބައެއްފަހަރަށް ކުދިކުދި ކަންތައްތައް އަޅުގަނޑުމެންނަށް އެބަވޭ އޮޅިފަ. މިސާލަކަށް ބައެއްފަހަރަށް ސަފުތައް ރަނގަޅަށް ފުރިހަމަ ނުވަނީސް ދެވަނަ ސަފެއް ބައެއް ބޭފުޅުންނަށް އެބަފެށޭ. ފަހަތުން އިތުރު ސަފެއް އެބަފެށޭ ދެން އިން ސަފު ފުރިހަމަ ނުވަނީސް. އެއީ ޙަޤީގަތުގަ ގޯހެއް. ސަފުތައް ފުރިހަމަ ކުރަމުން ދާންވާނީ. އަދި ސަފު ފުރިހަކުރަން ވާނީ، ފަށަން ވާނީ އިމާމުމީހާއާ ދިމާލުން!

(ކޮންމެ ސަފެއްވެސް ފަށަންވީ އިމާމް މީހާ އާ ދިމާވާގޮތަށް މެދުން. މެދުން ފަށައި ދެފަރާތަށް އެއްވަރުވާ ގޮތަށް ފުރަމުން ގެންދަންވީ)  

ދެން މި ޙަދީޘްބަސްފުޅުގަ އެބަވޭ އައިއްސަ މަލާއިކަތް ބޭކަލުން ތިއްބަވަނީ ކައިރިކައިރީގައޭ، ފިތި ބާރުވެގެންނޭ/. އެހެންމަ އޭގެ މާނައަކީ ފިތިބާރުވެގެން ތިބޭ ވާހަކަތޯއޭ؟ ނޫން. އޭގެ މާނައަކީ ކައިރިކައިރީގަ ތިބޭވާހަކަ. އެއްވެސް ހާލެއްގަ ފިތިބާރުވެގެން ނަމާދުގެ ހަރަކާތްތައްވެސް ރަނގަޅަށް ނުކުރެވޭވަރަށް ތިބޭ ވާހަކައެއް ނޫން. ރަނގަޅަށް ހަށަންވެސް ނުބަނދެވޭ ވަރަށް ތިބޭ ވާހަކައެއް ނޫން. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ފެންނާނެ، ކައިރީގަ ތިބެންވެގެން ބައެއްފަހަރަށް ބައެއް ބޭފުޅުން ތިއްބަވާއިރުގަ އަނެއް ބޭފުޅާގެ ފައި މައްޗަށް ފައި އަރާކަހަލަ ގޮތަކަށްވެސް އެބަ ފައި ބަހައްޓަވާ.  

އޭރަށް އަސްލު ޖެހިގެން ހުންނަ މީހާއަށް ކުޑަކޮށް ތަދުވެސް ވާނެ. އެއީ ޙަޤީގަތުގަ ރަނގަޅުގޮތެއް ނޫން. އަޅުގަނޑުމެން ނަމާދަށް ތިބޭއިރުގަ އަނެއް މީހާއަށް އުނދަގޫވާނެ އެންމެހާ ކަންތައްތަކުން ދުރުހެލިވާންވާނެ. އެއީ އަޅުގަނޑުމެންވެސް މި މަސައްކަތްކުރަނީ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން. އެހެންމަ އަޅުގަނޑުމެން އެދޭ ކަންތައް ޖެހިގެން ހުންނަ މިހާއަށްވެސް އަޅުގަނޑުމެން އެދެން ވާނެ. އެއީ ޙަޤީގަތުގަ މުސްލިމެއްގެ ސިފައަކީ." 

ދެން ޙަޤީގަތުގަ ސަފު ހަދާއިރުގަ ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އަޅުގަނޑުމެން ފައި ރަނގަޅަށް، ޙަޤީގަތުގަ ފައި ބަހައްޓަންވީ ގޮތަށް ނުބެހެއްޓުން. ޙަޤީގަތުގަ ފައި ބަހައްޓަން މިޖެހެނީ ކޮންމެ މީހެއްގެވެސް ކޮނޑާ އެއްވަރަށް. އެ ކޮންމެ މީހަކުގެވެސް އެ ކޮނޑާ ބާމަތި އެ ފުޅާ މިންވަރަށް އޭނަގެ ފައި ބަހައްޓާކަމަށް ވާނަމަ ޙަޤީގަތުގަ މައްސަލައެއް ދިމައެއް ނުވާނެ.  

ބައެއްފަހަރު ބައެއް ބޭފުޅުން އެއްވަރުކޮށްލަންވެގެން، ހުސްތަންތަން ފުރާލަންވެގެން މި ކުރާކަމަކީ ފައި މާ ދުރުކޮށްލަނީ. ދުރުކޮށްލީމަ ވާގޮތަކީ ދެކޮނޑެއް ނުވެއްޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ދެކޮނޑުވެސް ދެފައިވެސް ޖެހޭގޮތަކަށް ތިބެން. އެހެންވީމަ އެގޮތަކަށް ނުވެއްވޭ ބައެއްފަހަރަށް ފައި މާ ކައިރީގަ ނޫނީ ދެފައި މާ ދުރުގަ އެގޮތަށް ބެހެއްޓީމަ. އެހެންމަ ކޮންމެ ބޭފުޅަކުވެސް ސަފުގަ ހުންނަވާއިރުގަ ދެފައި އެ ބާމަތީގެ ފުޅާމިނަށް ދެފައި ބަހައްޓަވާކަމަށް ވާނަމަ އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ. ސަފުތައް ވަރަށް ރީތިކޮށް ހުންނާނެ.  

ދެން ބައެއްފަހަރު ބައެއް ބޭފުޅުންނަށް ދެފައި އެބަ ބެހެއްޓޭ މިހެން ވާގޮތަށް، މިހެން ވާކަހަލަގޮތަކަށް ދެފައި އެބަ ބެހެއްޓޭ ދެވަރަށް، ފޭވެފަ. އެގޮތަށް ހުންނަ ކަމަށްވާނަމަ، މާބޮޑަށް މިހެން ހުންނަކަމަށް ވާނަމަ މި ވާގޮތަކީ އިނގިލިތައް ޤިބުލައަކަށް ނޫން މި ހުންނަނީކީއެއް. އޭނަގެ މުޅި ހަށިގަނޑު މިޖެހެނީ ޤިބްލައަށް ކުރިމަތިލައިގެން ހުންނަން. އެހެންމަ އެގޮތުން ދެފައިތިލަވެސް ޤިބްލައަށް ކުރިމަތިވާގޮތަށް މިޖެހެނީ ބަހައްޓަން.

ދެން މިސާލަކަށް ބައެއް ބޭފުޅުން ބައްޔެއްގެ ސަބަބުން ނޫނީ އުފެދުމުގަ ހުންނަ ކަމެއްގެ ސަބަބުން އެހާބޮޑަށް މިހެން ސީދާ ނުކުރެވިދާނެ. ދެން އެބޭފުޅުން އުޒުރުވެރުވާނެ، ނަމަވެސް އެބޭފުޅުންވެސް ވާނެ ވީހާވެސް ދެފައި ތެދުކޮށް ބެހެއްޓޭތޯ ބަލަން. 

ދެން އަދި ބައެއްފަހަރަށް ދިމާވާކަމެއް މީ ސަފުތައް ތަރުތީބު ކުރުމުގަ، މިސާލަކަށް ސަފުގަ އޮވެދާނެ ވަރަށް ކުޑަކުޑަ ތަންކޮޅެއް ހުސްކޮށް އޮތް ތަންކޮޅެއް. ދެން އެ ތަންކޮޅު ހުސްކޮށް ނުބަހައްޓަންވެގެން އަޅުގަނޑުމެން މި ކުރާކަމަކީ ފަހަތުން މީހަކު އެތަންކޮޅަށް ގެންނަނީ. ދެން ފަހަތުން އެ ގެންނަމީހާ ވެދާނެ ތަންކޮޅެއް ބޮޑު މީހަކަށް، އެ ތަންކޮޅަށް ވުރެން ބޮޑު މީހަކަށް، ނޫނީ ދެން ބައެއްމީހުން އެއްކަލަ ކުރީ ސަފަށް އޮންނަ ލޯތްބެއްގެ ސަބަބުންވެސް އެ ޘަވާބާއި ދަރުމަ އިތުރަށް ހޯދަން މި ކުރާކަމަކީ ކިތަންމެ ކުޑަކުޑަ ތަންކޮޅެއްވިޔަސް އަވަހަށް ވަދެގަންނަނީ. (ހުސްޖާގައަށް ދާންވާނީ އެހެން މީހުންނަށް އުނދަގުކަލަކަށް ނުވެ އެޖާގައިގައި ހުރެވޭވަރުގެ މީހަކު) 

އެއިރުން ކިހިނެއް މިވަނީ؟ އަޅުގަނޑަށް ޔަޤީން އޭނައަކަށްވެސް ޚުޝޫއަތްތެރިކަމާ އެއްކޮށް ނަމާދެއް ނުކުރެވޭނެ. އަދި ކައިރީގައި ތިބޭ މީހުންވެސް ޚުޝޫއަތްތެރިކަމާ އެއްކޮށް އެމީހުންނަކަށްވެސް ނަމާދެއް ނުކުރެވޭ. އެހެންމަ ޙަޤީގަތުގައި ނަމާދު އަޅުގަނޑުމެން ކުރާއިރުގަ މިއުޅެނީ އޭގެން ފައިދާތަކެއް ހޯދަން، އެހެންނޫންތޯ. ނަމާދު ޙަޤީގަތުގައި އެ ކުރީމަ އޭގެން މިލިބޭ ރޫޙާނީ ފައިދާއެއް ނުލިބޭނެ އޭނައަށް ޚުޝޫއަތްތެރިކަމާ އެއްކޮށް ނަމާދު ނުކުރެވޭ ކަމަށް ވާނަމަ. އެހެންވީމަ އަޅުގަނޑުމެން ނަމާދު ކުރާއިރުގަ އަޅުގަނޑުމެންގެ އެންމެ މުހިއްމު މަޤްޞަދަކަށް ވާންވާނީ ޚުޝޫއަތްތެރިކަމާ އެއްކޮށް ހަމަޖެހިގެން ނަމާދު ކުރަން. އަޅުގަނޑުމެންގެ ހުރިހާވެސް ވިސްނުމެއް އަޅުގަނޑުމެންގެ ފަޔަށް ހުރެގެން ނުވާނެ. ނޫނީ އެއްކަލަ ފިތި ބާރުވެގެން ހުންނަންޖެހޭތީވެ " އާ ހާދަ އުނދަގުލޭ ނަމާދު ކުރަން" އެގޮތަށް އެ ވިސްނުން ގެންގުޅެން ވެއްޖެ ކަމަށް ވާނަމަ އޭނައަށް ޙަޤީގަތުގައި ނަމާދުން މިލިބޭ ރޫޙާނީ ފައިދާއެއް، ﷲ ސުބުހާނަހޫ ވަތަޢާލާ ނަމާދު މި ލެއްވި މަޤްޞަދެއް ޙަޤީގަތުގަ އޭނައަކަށް ޙަސިލެއް ނުވޭ. އެއީ ވަރަށް ބޮޑު މައްސަލައެއް ޙަޤީގަތުގަ.  

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ނަމާދު އޭގެ ކުރަންވީގޮތަށް ކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވުން  

- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

މިއަދު އޮންލައިން