ބައެއް މީހުން ވުޟޫކުރަނީ މަޖުބޫރުވާތީއެވެ. އެފަދަ މީހުން ވުޟޫކުރަނީ ވަރަށް ފަރުވާ ކުޑަކޮށެވެ. ގިނަ ފަހަރު އޮންނަނީ ޞައްޙަވާނެ މިންވަރަށްވެސް ފެން ނުލެވިފައެވެ. އެގޮތަށް އެކަންވިޔަނުދޭށެވެ!
ވުޟޫ ކުރުމުގެ ފައިދާއަށް ބަލާއިރު އެންމެ ފުރަތަމަ ވެސް ފާހަގަކުރަން ޖެހޭ އެއްކަމަކީ ވުޟޫކުރުމުގެ ސަބަބުން ގުނަވަންތައް ދޮވެވުމުގެ ކުރިން ތިމާއަށް ކުރެވިފައިވާ އެތައް ބައިވަރު ފާފަތަކެއް ފުހެވިގެންދާ ކަމެވެ. ވުޟޫކުރުން ފުރިހަމަކޮށް ވުޟޫކުރިވަރަކަށް ފުހެވިގެންދާ ފާފަތައް ގިނަވެގެންދާނެއެވެ! އިން ޝާ ﷲ
ނިކަން ވިސްނައިލަބަލާށެވެ! ވުޟޫކުރަން އަތަށް ފެންލާން ފެށީންސުރެ ވެއްޓިގެންދާ އެންމެ ފަހު ފެންތިއްކާއި ހަމައަށް އަތުްނ ކުރެވިފައިވާ ފާފަތައް ފުހެވިގެންދާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މޫނު ދޮންނައިރުވެސް ހަމަ މިފަދައެވެ. މީގެ މާނައަކީ ލޮލުން ކުރެވިފައިވާ ފާތައްވެސް ފުހެވިގެންދާ ކަމެވެ. ލޮލުން ބެލިފައިވާ ބެލުންތަކުގެ ފާފަ ފުހެވިގެންދާ ކަމެވެ. ދުލުން ބުނެވިފައިވާ ނުބައި ބަސްތަކުގެ ފާފަތައްވެސް ފުހެވިގެންދެއެވެ. ބޮލާއި ކަންފަތަށް ފެންލުމުން ކަންފަތުން އަޑުއަހައިފައިވާ ނުބައި ވާހަކަތަކުގެ ފާފަތައްވެސް ފުހެވިގެންދެއެވެ. ހަމައެފަދައިން ފައަށް ފެންލުމުން ފައިން ކުރެވިފައިވާ ފާފަތައްވެސް ފުހެވިގެންދެއެވެ.
ވުޟޫ ކުރުމާއިބެހޭ ގޮތުން ބާވައިލައްވަވާފައިވާ މިއާޔަތަށް ވިސްނައިލާށެވެ!
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދު ކޮށްފިނަމަ) ފަހެ، ތިއަަބައިމީހުންގެ މޫނުތަކާއި، ތިއަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިއަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިއަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިއަބައިމީހުން ޠޯހިރުވެގަންނާށެވެ! އަދި ތިއަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިއަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠޯހިރު ވެލީން ތިއަބައިމީހުން ތަޔައްމަމްކުރާށެވެ! ފަހެ، ތިއަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިއަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިއަބައިމީހުން ޠޯހިރުކުރެއްވެވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވެވުމަށެވެ. (އެއީ) ތިއަބައިމީހުން ޝުކުރު ކުޅައުމަށްޓަކައެވެ." (އަލްމާއިދާ: 6)
މިއާޔަތުންވެސް އެނގިގެންދަނީ ވުޟޫ ފަރުޟު ކުރައްވަވާފައިވަނީ މީސްތަކުންނަށް ތަކްލީފް ޖެއްސެވުމަށް ނޫން ކަމެވެ. މިއާޔަތުގައި ޠޯހިރު ކުރެއްވެވުން އެއޮތީ ފާފަތަކުން ޠޯހިރު ކުރެއްވެވުމަށެވެ. ވީމާ ވުޟޫ ކުރާއިރު ފަރުވާ ކުޑަނުކުރާށެވެ! ކޮންމެ ފަހަރަކުވެސް އެކަމުން ލިބެން އޮތް އެންމެ ފުރިހަމަ ފައިދާ ޙާޞިލުކުރެވޭނެ ގޮތަށް ވީހައި ފުރިހަމައަށް ވުޟޫކުރާށެވެ!
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ވުޟޫ ކުރުމާއިމެދު ޤަބޫލުކުރެވިފައި އޮންނަނީ އެއީ ހަމައެކަނި ނަމާދުކުރުމަށްޓަކައި ސާފުތާހިރުވެލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އެއްވެސް ޙާލެއްގައި އެއީ އެހައި ކުޑަ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ މާ ފައިދާ ބޮޑު ކަމެކެވެ. މާ ގިނަ މަންފާ ލިބޭ ކަމެކެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން