ޢާއިލާގެ ކަންކަމަށް މުފްތީ މެންކް ދެއްވާ ސަމާލުކަން ދެވޭނަމަ ޢާއިލީ ގުޅުން ބަދަހިވެ ބޮޑުތަނުން ވަރި މަދުވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޢާއިލާގެ ކަންކަމަށް މުފްތީ މެންކް ދެއްވާ ސަމާލުކަން ދެވޭނަމަ ޢާއިލީ ގުޅުން ބަދަހިވެ ބޮޑުތަނުން ވަރި މަދުވެގެންދާނެ! އިން ޝާ ﷲ

އަބަދުވެސް ފާހަގަކުރާ ފަދައިން ކައިވެނީގެ ގުޅުމުގައި މައްސަލަތައް ޖެހި ކައިވެނި ރޫލުމުން އެކަމުން ގެއްލުން ލިބެނީ ދެމަފިރިންނަށް އެކަންޏެއް ނޫނެވެ. ދެމަފިރިންނަށް ލިބޭ ގެއްލުންތަކަށްވުރެ ބޮޑަށް ގެއްލުން ލިބެނީ ދަރިން ލިބިފައިވާނަމަ އެދަރިންނަށެވެ. އަހުރެންގެ ވިސްނުމުން ޢާއިލީ ގުޅުން ބަދަހިކޮށް ހަރުދަނާކުރަން އިސްލާމް ދީނުގައި އެހައިބޮޑަށް ބާރުއަޅުއްވަވާފައިވާ އެންމެ މުހިންމު ސަބަބަކީވެސް އެއީއެވެ.

"އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެންގެ ޢާއިލާއަށެވެ.

ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމަށެވެ!

އަހަރެންގެ އެންމެ ބޮޑު އެސެޓަކީ އަހަރެންގެ ޢާއިލާއެވެ."

މުފަތީ މެންކުގެ ބަސްފުޅުގައި ހިމެނޭ 3 ޖުމުލައިން އަހުރެން މިއަދު މިބަލާލަނީ އެންމެ ފުރަތަމަ 2 ޖުމުލައަށެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ބުނެވެން އޮތް ދެ ޖުމުލަ ކަމުގައި ވުމުންނެވެ.

އެއީ: "1. އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެންގެ ޢާއިލާއަށެވެ.

2. ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމަށެވެ!"

މިހެން ބުނަން ކޮންމެހެން މުފްތީ މެންކް ނުވަތަ އެނޫންވެސް އެފަދަ ދީނީ ޢިލްމުވެރިއަކަށްވާން ނުޖެހޭނެއިރު، ހަމަ ކޮންމެ މީހަކަށްވެސް ބުނެވެން އޮތްއިރު ޖެހިލުމެއްނެތިި އެފަދައިން ބުނެލެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިވާހަކަ މިގޮތަށް މިދެއްކީ މިކަންކަމަށް ސަމާލުކަން ނުދެވި ދޫކޮށްލުމުން ރޫޅިގެންދާ ކައިވެނިތައް ގިނަވަމުންދާތީއެވެ.

އަދިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ. އަހަރެންނަށް ލިބޭ ދައުވަތެއްގައި ބައްދަލުވުމަކަށް ދިއަ ނަމަވެސް ޤައުމުން ބޭރަށް ދިއަ ނަމަވެސް ކޮންމެހެން ހޭދަކުރަންޖެހޭ ވަގުތުގެ އިތުރަށް 5 މިނިޓް ވެސް ހޭދައެއް ނުކުރަމެވެ. ބަލަނީ އަވަހަށް ޢާއިލާ ގާތަށް ދިއުމަށެވެ!

މިސާލަކަށް 6 ގަޑިއިރުގެ ދަތުރެއް ކޮށްފައި މެލޭސިޔާއަށް ދިއުމަށްފަހުގައިވެސް އަހަރެން ބައިވެރިވާން ޖެހޭ އިވެންޓް ނިމުމުން ވަގުތުން ފުރާކަށް އަހަރެން އެއްވެސް ވަރަކަށް ފަހެއް ނުޖެހެމެވެ. ސަބަބަކީ އަހަރެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޢާއިލާއަށް ކަމުގައިވާތީއެވެ.

އެއްވެސް ޙާލެއްގައި މިދައްކަނީ ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ކަންކަން ކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. މިބުނަނީ އެނޫން ހުރިހާ ކަމެއްގައިވެސް އަހަރެން އެންމެ އިސްކަން ދޭނީ އަހަރެންގެ ޢާއިލާއަށް ކަމުގެ ވާހަކައެވެ.

--މުފްތީ މެންކް

މިއަދު އޮންލައިން