ދުވަހަކުވެސް ނުރުހި ނަފްރަތުކުރާނެކަމަށް ހީވެސް ނުކުރެވޭ މީހުން ރުޅިއައިސް ހިތުގަ ޖައްސުވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދުވަހަކުވެސް ނުރުހި ނަފްރަތުކުރާނެކަމަށް ހީވެސް ނުކުރެވޭ މީހުން ރުޅިއައިސް ހިތުގަ ޖައްސުވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ކޮންމެ މީހަކުވެސް ދެރަވެ އެންމެ ބޮޑަށް ހިތުގައި ޖެހޭނީ ދުވަހަކުވެސް ތިމާއަށް ނުރުހި ނަފްރަތުކުރާނެކަމަށް، ނުވަތަ ހިތުގައި ޖެހޭނެ ފަދަ ކަމެއް ކުރާނެ ކަމަށް ހީވެސް ނުކުރެވޭ މީހުން ރުޅިއައިސް ހިތުގައި ޖައްސުވާނަމައެވެ. އެޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް ދަސްކުރަން އެބަޖެހެއެވެ.

ދުނިޔޭގައި މުޞިބާތެއް ކުރިމަތިވި ނަމަވެސް މީހެއްގެ ނަފްރަތު ލިބުނު ނަމަވެސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތައާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރުމެވެ. ކޮންމެ ހިތްހަމަ ނުޖެހުމަކާއި މުޞީބާތަކީވެސް ﷲ ތައާލާ ކުރިމަތރިކުރެއްވެވި އިމްތިޙާނެއް ކަމަށް ދެކޭށެވެ! އެއިރުން ހުރިހާ ކަމެއްވެސް ދާނީ ކާމިޔާބުވަމުންނެވެ. އިން ޝާ ﷲ.

އެއްވެސް މީހަކު ދެކެ އެންމެން ލޯތްބެއް ނުވާނެއެވެ. ކޮންމެ މީހަކުދެކެވެސް ރުޅި އަންނަ ބައަކުވެސް ތިބޭނެއެވެ. އެގޮތުން އަހަރެން ދެކެ ރުޅި އައިސް ނަފްރަތުކުރާ ބައަކުވެސް ތިބޭނެއެވެ! އެއީ އަހަރެން އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫނެވެ.

ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ އަދި އެންމެ މާތް އިންސާނަކީ ރަސޫލް (ﷺ) އެވެ. އެންމެ މަތިވެރި އަޚްލާޤް ލިބިވަޑައިގެންނެވީވެސް މީސްތަކުންނަށް އެންމެ އިންޞާފުވެރި އަދި އެންމެ ޚުލްޤް ރަނގަޅު ބޭކަލަކީވެސް ރަސޫލާ (ﷺ) އެވެ. މިހުރިހާ އެންމެ މަތިވެރިކަމާއިއެކުވެސް ރަސޫލާ (ﷺ) ދެކެ ރުޅި އައި ބައަކުވެސް ތިއްބެވެ. ވީއިރު އަހަރެންނަކީ ދެން ކާކު ހެއްޔެވެ؟

އެހެންކަމާއިއެކުވެސް ދުވަހަކުވެސް ތިމާ ދެކެ ރުޅި އަތުވެދާނެ ކަމަށް އުންމީދު ވެސް ނުކުރާ މީހުން ނަފްރަތުކުރުމުން، ނަފްރަތުގެ ބަސްތައް ބުނުމުން އަސަރުވެސް ކުރެއެވެ. އެފަދަ ކަންކަން މެދުވެރިވެސް ވެއެވެ. ހިތާމައަކީ އަހަރެން ކުރާ މަސައްކަތުގެ ޙަޤީޤަތް ނުއެނގި ތިބެ ބައެއް މީހުން ރުޅި އަންނަ ކަމެވެ. އަހަރެން ކުރާ ކަމަކީ އެފަދަ މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ.

މިވާހަކަތައް ބުނެދިނުމުގެ ބޭނުމަކީ މީހަކު ތިބާ ދެރަކުރަން ނުވަތަ ރުޅި އަރުވަން ކުރާ އެއްވެސް ކަމަކަށް މާޔޫސް ނުވަން ނަޞޭޙަތްތެރިވުމެވެ. އެފަދަ ޙާލަތްތައް މެދުވެރިވާނެކަމަށް އަބަދުވެސް ވިސްނައިގެން ހުރުމަށް ނަޞޭޙަތްތެރިވުމެވެ. ހަމަ އެއާއިއެކު މީހަކު ރުޅި އައިސް ކުރާ ކަމަކުން މާޔޫސް ނުވެ ޙައްޤު ގޮތުގައި އެމީހަކު ކުރާ ކަންކަން ކުރުން މަތީގައި ދެމިހުރުމަށް ވަޞިއްޔަތް ކުރުމެވެ.

ކުރާ ކޮންމެ ކަމެއްވެސް ﷲ ތައާލާއަށްޓަކައި ކުރަމުން ގެންދާށެވެ! އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތަކު އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ދެއްވަވާނެތެވެ. އާޚިރަތުގައިވެސް މެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން