ރާއްޖޭގައި ވިޔަފާރީގެ ދާއިރާތަކުން ޚިދުމަތްކުރައްވައި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތައީސްކަންވެސް ކުރައްވާފައިވާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މުޙައްމަދު ޒާހިރުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ޒާހިރު ނިޔާވީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނުތާ 2 ދުވަހެއްގެ ތެރޭގައެވެ. މުޙައްމަދު ޒާހިރަކީ ގިނަ ބައަކާއި ރައްޓެހި ރަޙްމަތްތެރިކަން ބާއްވަވާ ގިނަ ބައެއްގެ އެކުވެރިއެއްކަން ފާހަގަކުރެވެއެވެ.
މުޙައްމަދު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭގެ ޢިޝާ ނަމާދަށްފަހު ޝްރީލަންކާގެ ޖާވަތާ ޖުމްމަ މިސްކިތުގައެވެ. މައްޔިތާއަށް ޒިޔާރަތްކުރުން އޮންނާނީ މިއަދު މެންދުރުފަހު 3 ގެ ފަހުންނެވެ.
ރައީސް: ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖް:
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އިޤްތިޞާދުކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރުޙޫމް މުޙައްމަދު ޒާހިރުއަށް މިންވަރު ކުރައްވަވާށި. އާމީން.