ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަވެ، ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ގަދަވާނެއެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި ހާލަތާ ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ވައި ގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމުގައި ފަރުވާތެރިވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.