ހަމައެކަނި ޓެކްސީތަކަށް ޚާއްސަ ޕާކިން ޒޯންތަކެއް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަމައެކަނި ޓެކްސީތަކަށް ޚާއްސަ ޕާކިން ޒޯންތަކެއް ހަދަނީ

މާލެ އާއި ހުޅުމާލޭގައި ހަމައެކަނި ޓެކްސީތަކަށް ޚާއްސަ ޕާކިން ޒޯންތަކެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޓެކްސީތަކަށް ޚާއްސަކޮށްގެން މާލެ އާއި ހުޅުމާލޭގައި ތަރައްޤީކުރާ ޕާކިން ޒޯންތައް ކަނޑައެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިގޮތުން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖެހިފައިވާ ކަމަށާއި މާލެއިންވެސް ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގައި ހުރި އެހެނިހެން ހުސް ބިންތައްވެސް ވަގުތީ ޕާކިން ސަރަހައްދުތަކަށް ބަދަލުކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މިއީ ޕާކިން މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް އަމީން ފާހަގަކުރެއްވިއެވެ.

ޓެކްސީތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ޕާކުކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޓެކްސީ ބޯޑު ލިބިފައިވާ އުޅަނދުފަހަރަށް އެކަނިކަމަށް އަމީން ވިދާޅުވިއެވެ. އަދި މި ސަރަޙައްދު ބޭނުންކުރުމާ ގުޅޭ ގޮތުން ވަކި ގަވާއިދެއް އެކުލަވާލައި، އާންމުކޮށް އިޢުލާނުކުރެވޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ.

މާލެ ސަރަހައްދަކީ އެންމެ ގިނަ އުޅަނދުފަހަރު ދުއްވާ، އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދު ކަމަށްވާތީ، މި ފިޔަވަޅުތަކުން ޕާކިންގ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެެލެވެއެވެ.

މިއަދު އޮންލައިން