"ބާރާއި މަޝްހޫރުކަން ލިބުމަކީ ދެފުށުގަ މިޔަ އަޅާފައިވާ ކަނޑިއެއް ފަދަ ކަމެކެވެ. ގިނަ ބައަކަށް އެކަމުގައި އަމަލުކުރަންވާ ގޮތް އޮޅެއެވެ." މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
"ބާރާއި މަޝްހޫރުކަން ލިބުމަކީ ދެފުށުގަ މިޔަ އަޅާފައިވާ ކަނޑިއެއް ފަދަ ކަމެކެވެ. ގިނަ ބައަކަށް އެކަމުގައި އަމަލުކުރަންވާ ގޮތް އޮޅެއެވެ." މުފްތީ މެންކް

"ބާރާއި މަޝްހޫރުކަން ލިބުމަކީ ދެފުށުގަ މިޔަ އަޅާފައިވާ ކަނޑިއެއް ފަދަ ކަމެކެވެ. އެހެންކަމުން ގިނަ ބައަކަށް އެކަމުގައި އަމަލުކުރަންވާ ގޮތް އޮޅެއެވެ."

މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ވަރަށް ބޮޑު ތެދެކެވެ. ޙަޤީޤަތެކެވެ. ކަން އޮތް ގޮތެވެ. ކިރިޔާވެސް ކަސިޔާރުވެއްޖެ ނަމަ މީހާގެ ދުވަސް ދިއައީއެވެ. ދެދުނިޔެ ގެއްލިގެންވެސް ހިނގައިދާނެއެވެ!

މީހަކަށް ބާރާއި މަޝްހޫރުކަން ލިބިއްޖެ ނަމަ މަގު އޮޅިގެންދަނީ އެ ނިޢްމަތް މިންވަރުކުރެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވޭތީއެވެ. ވީމާ އެފަދަ މަތިވެރިކަމެއް ލިބިއްޖެ ނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ!

މީހުންގެ ފާޑުކިޔުމަކުން ސަލާމަތެއް ނުވެވޭނެއެވެ! އެންމެންގެ ރުހުމާއި ލޯތްބެއްވެސް ނުހޭދޭނެއެވެ. ނަމަވެސް އެމީހަކު ޢަމަލުކުރަނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކަމުގައިވާނަމަ ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

ބާރު ނުވަތަ މަޝްހޫރުކަން ލިބިއްޖެ ނަމަ ފުރަތަމަވެސް ތިމާގެ ޝަޚްޞިއްޔަތަކީ ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައި ހަދާށެވެ! އެކަމުގެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ދެވޭނެ ގޮތްތަކާއިމެދު ވިސްނައި އަމަލުކުރާށެވެ!

ފުރަތަމަ ކަމެއްގެ ގޮތުންވެސް ތިމާ ވާންޖެހޭނީ ފަރުޟު 5 ނަމާދަށް ވަރަށް ބޮޑަށް ރައްކައުތެރިވާ މީހަކަށެވެ. އެމީހެއްގެ ސަބަބުން އިތުރު ބައަކު ނަމާދުކުރަން ފަށައިފިނަމަ އެކަމުން އެމީހަކަށްވެސް ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

ހެދުން އަޅަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށެވެ. ގިނަ ބައަކު ރުހޭ ގޮތަކަށް ނޫނެވެ. މުސްލިމުން ނޫން މީހުންނާއި އެއްގޮތްވާ ގޮތަށް ހެދުން އެޅުމުން ދުރުހެލިވާންވާނެއެވެ. ބަސްބުނަން ޖެހޭނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. އަދުލުވެރިވުމުގައި ނަމޫނާ ދައްކަން ޖެހޭނެއެވެ.

ދެއްވެވި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި އާޚިރަތަށްޓަކައި ވީހައި ގިނަ ސަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭނީ އެކަމަށެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން