އަޅުކަމުގައިވިޔަސް އަދި ދިރިއުޅުމުގައިވިޔަސް ކުރިއަރައި ދެވޭނީ އެމީހަކަށް ފަސޭހައިން ދެވެން އޮތްމަގު ވިސްނައި އެމަގުން ކުރިއަށްދާން މަސައްކަތްކުރުމުންނެވެ. ކޮންމެ މީހަކީވެސް ހަމަ ވަރަށް ތަފާތު މީހެކެވެ. ކުލޅަދާނަކްން ހުންނާނީ އެކިވަރަށެވެ. އެކިފަންނުންނެވެ.
އަޅުކަމުގައިވެސް އަދި ދިރިއުޅުމުގެ ކަންކަމުގައިވެސް އެހެން މީހުން ކުރިއަރައި ދިއަގޮތާއިމެދު މާބޮޑަށް ނުވިސްނާށެވެ! ތިމާއަށްވެސް ކުރިއަށް ދެވޭނީ ހަމައެކަނި އެގޮތުން ކަމަށް ނުދެކޭށެވެ! އެހެނީ ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެމީހަކަށް ކުރިއަށް ދާން ފަސޭހަވާނީ އެމީހަކަށް އެކަން ކުރަން އެންމެ ފަސޭހަ ގޮތަކަށް ކުރިއަށް ދާން މަސައްކަތްކުރުމުންނެވެ.
އެހެން މީހުން ކުރިއަރައި ދިއަ ގޮތުގެ މައުލޫމާތު ހޯދާށެވެ! އެމައުލޫމާތަށް ބަލައި ތިމާއަށް އެއިގެ ތެރެއިން ޢަމަލުކުރެވޭނީ ކޮން ކަންކަމަކަށްކަން ދެނެގަންނާށެވެ! މިސާލަކަށް ދަމުނަމާދުކުރާ ބައެއް މީހުން ދަންވަރު ހޭލައި ދަމުނަމާދުކުރެއެވެ. ދަމުނަމާދުކުރުމަށްފަހު ފަތިސްވުމުގެ ކުރިން ކުޑަކޮށް ނިދައިވެސްލައެވެ. މިސާލަކަށް 2 ޖަހާއިރު ތެދުވެ ދަމުނަމާދުކުރުމުގައި 2.30 ވަންދެން ހޭދަކުރުމަށްފަހު އަނެއް ބައިގަޑިއިރު ކީރިތި ޤުރްއާން ކިޔަވައި ނަމާދުކޮށް ދުޢާކުރުމަށްފަހު ނިދައިލައެވެ.
އަނެއް ބައަކު ތަންކޮޅެއް ފަސްކޮށް ހޭލައި ދަމުނަމާދާއި ފަތިސްނަމާދު އެކުގައި ކުރެއެވެ. 3.00 ނުވަތަ 3.30 ހައިއިރު ހޭލައި ދަމުނަމާދުކުރުމަށްފަހު ފަތިސް ނަމާދު ވަގުތާއި ހަމައަށް ހޭލައި ތިބެ އަޅުކަންކޮށް ދުޢާކުރެއެވެ.
މި ދެ ގޮތުގައިވެސް އެއްވެސް މައްސަލައެއް ނެތެވެ. މުހިންމީ ދަމުނަމާދާއި ފަތިސް ނަމާދުކުރުމެވެ. ދަމަނުމާދާއި ފަތިސް ނަމާދާއި ދެމެދުގައި ކީރިތި ޤުރްއާން ކިޔަވާލައި ދުޢާ ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރުމެވެ.
އަދި ހަމަ އެއާއިއެކު ދަމުނަމާދުގައި ކުރާ ރަކްޢަތުގެ އަދަދާއިމެދު ބުނަން އޮތީ ކުރަން މަސައްކަތްކުރަންވީ މީހަކު ކުރާ ޢަދަދަކަށް ނޫނެވެ! އެމީހަކަށް ފަސޭހަ، ކެރިކުޅަދާނަވާ މިންވަރަށް ކުރާށެވެ! ރަކްޢަތްތައް ދިގުކުރަންވީ ވެސް އެމީހަކަށް ކެރިކުޅަދާނަވާ މިންވަރަކަށެވެ.
ހަމައެފަދައިން ދިރިއުޅެން ކުރާ މަސައްކަތުގައިވެސް އެހެން މީހުން ކުރިއަރައި ދިއަ ގޮތުގެ މައުލޫމާތުން ޙާޞިލުކުރަންވީ ހަމައެކަނި ޢިބްރަތެވެ! އެމީހެއްގެ ކިބައި ހުރި ކުޅަދާނަކަން އަދި އެމީހަކަށް އެންމެ ބާރަށް، އެންމެ ފަސޭހައިން ކުރިއަށް ދެވޭނެ މަގުތައް އިޚްތިޔާރުކޮށް އެ ގޮތްގޮތުން ކުރިއަށް ދާން މަސައްކަތްކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން ﷲ ތަޢަލާ ތައްފީޤް ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން