ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފިނަމަ އެނގިގެންދާނެ އެންމެ ބޮޑު ޙަޤީޤަތަކީ އެއްވެސް ކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްވުރެ ފައިދާހުރި އެއްވެސް ގޮތެއް މިހައިތަނަށްވެސް ހޯދިފައި ނުވާކަމެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.
ބައެއް ފަހަރު ކަމެއް ކުރުމަށްފަހު އެކަމެއް އެކުރެވުނީ އެންމެ ރަނގަޅަށް ކަމަށް ހީވާ ކިތަންމެ ކަމެއް، އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ފަހުން ވިސްނޭ ކިތަންމެ ފަހަރެއް އާދެއެވެ. އެއިން އެނގެނީ އަޅުގަނޑުމެން އިންސާނުންގެ ނިކަމެތި ކަމެވެ.
ވަރަށް ގިނަ ފަހަރު ގަދަ ބަސް ބުނަމުއެވެ. ހިތަށް އެރިގޮތަކަށް ކަންކަންވެސް ކުރަމުއެވެ. ނަމަވެސް ވަރަށް ގިނައިން ދިމާވާ ކަމަކީ ބުނެވުނު ބަހާއި ކުރެވުނު ޢަމަލަކީ ރަނގަޅު ނޫން ކަންކަން ކަމުގައި ފަހުން ޤަބޫލުކުރަން ޖެހުމެވެ. އެކަންކަން ކުރެވުނީތީ ދެރަވެ ހިތާމަ ކުރަންވެސް ޖެހުމެވެ. އެއީ އަހަރެމެންނަކީ އިންސާނުން ކަމުގައިވީތީއެވެ.
ވީމާ ﷲ ތަޢާލާ އަހަރެމެންނަށް ކަމެއް ކުރަންވީ ގޮތް އަންގަވާފައި ވަނިކޮށް އެގޮތް ބަދަލުކޮށް އަމިއްލަ ގޮތްތައް ކުރިއަށް ނުނެރޭށެވެ! ﷲ ތައާލާއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ މަތިވެރި އިލާހްއެވެ. ކަމެއް ކުރުމުން ފަހުން ވާނެ ގޮތް އެއްވެސް މީހަކަށް ނުވެސް އެނގެއެވެ. ނަމަވެސް ﷲ ތަޢާލާ ފަހުން ވާނެ ގޮތް ވެސް މޮޅަށް ދެނެވޮޑިގެންވެއެވެ.
ވީމާ ﷲ ތަޢާލާގެ އެންގެވުންތަކަށް ގޮންޖަހައި އަމިއްލައަށް މޮޅު ގޮތް ހޯދަން ނުއުޅޭށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން