މުސްލިމުން ކުރާ ކޮންމެ ދުޢާއަކީ ދުލުން ކުރާ ދުޢާއެއް ނޫނެވެ. ޢަމަލުންވެސް ދުޢާކުރެވެއެވެ. މިޘާލަކަށް އެއްވެސް ތަކްލީފެއް ކުރިމަތިވުމުން ނިކަމެތި ޙާލުގައި ހުރި މީހަކަށް ޞަދަޤާތް ކުރުމަކީ ކުރެވޭ ޞަދަޤާތެއްގެ އިތުރުން ކުރެވޭ ދުޢާއެކެވެ. އެޙާލަތުން ތިމާ ސަލާމަތްކޮށްދެއްވެވުން އެދިއެވެ.
މީހަކު ތިބާއަށް ހެޔޮކަމެއް ކޮށްދިނުމުން، ނުވަތަ ބައިވެރިޔާ ތިބާއަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކޮށް، ނުވަތަ ބައިވެރިޔާ ތިބާއަށްޓަކައި އުފުލާ ބުރައިގެ އަގުވަޒަންކޮށް ހިތްވަރުދިނުމަށް ހަދިޔާއެއް ދިނުމަކީވެސް ކުރެވޭ ޞަދަޤާތެއްގެ އިތުރުން ހަމަ ކުރެވޭ ދުޢާއެކެވެ.
ދެން މިބުނެލަނީ އެކަން ކުރާ އެންމެ ބޮޑު ފައިދާއެވެ. ތިބާގެ ދުލުން ތިބާގެ މަޤްޞަދު ބަޔާންނުކުރިނަމަވެސް ތިބާއާއިއެކުގައިވާ ރަޙްމަތުގެ މަލާއިކަތުން ތިބާގެ ނިޔަތް ދެނެވޮޑިގެންވެއެވެ. އެހެންވެ ތިބާއަށް އުފާވެރިކަން ދެއްވެވުމަށާއި ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވައެވެ.
އެކަމުން ތިބާއަށް ލައްވަވާނެ ބޮޑު ރަޙްމަތާއިމެދު ވިސްނައިލާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރާށެވެ! ދުޢާކުރުމުގެ މަޤާމުތަކުގައި ދުޢާކުރުންވެސް ގިނަކުރާށެވެ! ﷲ ތަޢާލާ އަބަދުވެސް އިޚްލާޞްތެރި އަޅުންގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން