ހިތްފުރެންދެން ފައިސާދިންނަމަވެސް އެކަމުގެ އަގުވަޒަންނުކޮށް ތިބާގެ ގައިގައި ކޮޅުފައިންޖަހާ ބައަކު އަބަދުވެސް އުޅޭނެއެވެ. އެއީ މިއަދަކު އެކަނި އެކަންކަން މެދުވެރިވާ ގޮތެއް ނޫނެވެ. އެއީ އަނަދުވެސް ހިނގަމުން އަންނަ ކަމެކެވެ.
އެކަމަށް ކަންބޮޑުވެ ނުވަތަ މާޔޫސްވެ ދަތިޙާލުގައި ނުވަތަ ހިތްދަތިކަމުގައި ތިބޭ މީހުންނަށް އެހީތެރިނުވާނަމަ އެނަގައިލެވެނީ ތިބާއަށް ލިބެން އޮތް އެންމެ ބޮޑު އުފާވެރިކަމެވެ. ސަބަބަކީ ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ ކާމިޔާބު ލޯތްބަކީ ހިތްދަތިކަމުގައި ނުވަތަ ދަތިޙާލުގައި ހުރި މީހަކު އެޙާލަތުން ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި އޭނާދެކެ ވާލޯތްބެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބުވެސް އަހުރެންގެ ވިސްނުމުން ބުނެލާނަމެވެ. ސަބަބަކީ ހިތްދަތިކަމުގައި ހުންނަ މީހަކަށް އުފާވެރިކަން ހޯދައިދިނުމުން ނުވަތަ ދަތިޙާލުގައި ހުންނަ މީހަކަށް އެހީތެރިވުމުން އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރެވިއްޖެ މީހަކަށްވުރެ އުފަލުގައި ހުންނާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ގިނަ ފަހަރު ލޯބިވުން ފޭލްވަނީވެސް ޒަވާޖީ ހަޔާތްފޭލްވަނީވެސް ތިމާގެ އަމިއްލަ އެދުންތައް ކުރިއަށް ނެރެގެން ކަންކަން ކުރެވޭތީއެވެ. ތިމާއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ކަންކަން ކުރެވޭތީއެވެ. ތިމާގެ އުފާތައް ޙާޞިލުކުރަން ބޭނުންކުރާ ހަތިޔާރަކަށް ލޯބިވެރިޔާ ނުވަތަ ޙަޔާތުގެ ބައިވެރިޔާ ބޭނުންކުރެވޭތީއެވެ. އެއިރުން އެގުޅުމުގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާތީއެވެ.
ތަކުރާރުކޮށްލާނަމެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އަމިއްލަ އެދުންތައް ފަހަތަށް ޖައްސުވައި އެހެން މީހުންނަށް އެހީތެރިވުން ކުރިއަށް ނެރެގެންނެވެ. ރިޒުޤް އިތުރުވުމަށް އެދޭނަމަ ދީލަތިކަން އިތުރުކުރަން ދީނުގައި އޮންނަނީ އެސަބަބަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން