ޙައްޖު ކިޔޫ ކުރިއަށް އޮތް 10 އަހަރަށް ފުރިއްޖެ! ޒުވާން ޢުމުރުގަ އަވަހަށް ކިޔޫއަށް އަރުއްވައި ޖާގަ ހޯއްދަވާ!: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ޙައްޖު ކިޔޫ ކުރިއަށް އޮތް 10 އަހަރަށް ފުރިއްޖެ! ޒުވާން ޢުމުރުގަ އަވަހަށް ކިޔޫއަށް އަރުއްވައި ޖާގަ ހޯއްދަވާ!: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި (އަރަބި) މީ އިމާމް ބުޚާރީ އަދި މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއް. މާނައަކީ "މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ." 

މަބްރޫރު ޙައްޖަކީ އެ ޙައްޖުގައި ފާފަކުރުމެއް ނުވާ ޙައްޖު. މަބްރޫރު ނެގިފައިވަނީ (އަލްބިއްރު) މި ބަހުން. އޭގެ މާނައަކީ ކިޔަމަންގަތުން. ދެން އަދި މަބްރޫރު ޙައްޖަކީ މަޤްބޫލު ޙައްޖުކަމުގަވެސް ޢިލްމުވެރިން ބަޔާން ކުރައްވާ، މަޤްބޫލު ޙައްޖޭވެސް ބުނެވޭ. އަދި މަބްރޫރު ޙައްޖެއްގެ ޢަލާމާތަކީ އެމީހަކު ޙައްޖުން އެނބުރި އައިސް އޭނާ ކުރިން އުޅުނު ގޮތަށްވުރެ ރަނގަޅަށް އޭނާ އުޅުން. 

ދެން ޢީލްމުވެރިން މަބްރޫރު ހައްޖާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވޭ. ވަރަށް ގިނަ ގޮތްގޮތަށް މާނަ ކުރައްވާފައިވޭ. އެހުރިހާ ވާހަކައެއް ޚުލާސާ ކޮށްލާއިރުގަ ބޮޑަށް މި ބުރަވެވެނީ، ހުރިހާ ބޭފުޅުންވެސް ބޮޑަށް މި ބުރަވެވަޑައިގަންނަވަނީ މަބްރޫރު ހައްޖަކީ އެއީ އެ ޙައްޖެއްގައި ފާފަ ކުރުމެއް ނުވަތަ އުރެދުމެއް ނުވާ ޙައްޖެވެ. ދެން ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޙައްޖުވުމުގެ ޖިސްމާނީ އަދި މާލީ ކުޅަދާނަކަން ލިބިއްޖެކަމަށް ވާނަމަ އެމީހަކަށް ޙައްޖު ވާޖިބުވާނެ. އޭނާ ދެން އެހިސާބުން އޭނާ ޙައްޖުނުވެ އޭނާ ހުރެއްޖެކަމަށް ވާނަމަ އޭނާ ފާފަވެރިވާނެ. އެހެންވީމަ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން އެބަޖެހޭ ޙައްޖުވުމަށް މަސެއްކަތް ކުރަން، ޙައްޖަށްދާން މަސެއްކަތްކުރަން. 

މާތް ﷲ ވަޙީކުރައްވަނީ (އަރަބި) " އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ އެގެފުޅަށް ގަސްދުކޮށްގެ ދިއުމީ، އެބަހީ ޙައްޖުވުމަކީ ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ." ދެން ފާއިތުވީ އަހަރުތަކުގައި ޙައްޖަށް މުޅިންވެސް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުންވެސް ދީފަމިވަނީ ޙައްޖު ކޯޕަރޭޝަންއަށް. އެހެންކަމުން މިހާރު ގިނަބަޔަކު އެބަދޭ ޙާއްޖު ކޯޕަރޭޝަނަށް ފައިސާ ދައްކަމުން. އެގޮތުން އަޅުގަނޑު މިއަދު ހަމަ ޙައްޖުކޯޕަރޭޝަންގެ މުވައްޒަފަކާ ވާހަކަދައްކާލި އިރުގައި އެބޭފުޅާ ވިދާޅުވީ، މިހާރު އެބަތިއްބޯ ކިޔޫގަ 8000 މީހުން. 8000 މީހުން އެބަތިއްބޭ މިހާރު ކިޔޫގަ. އެހެންވީމަ މިއަދުވެސް މިސާލަކަށް އަޅުގަނޑު ލާރި ދައްކައިފިކަމަށް ވާނަމަ އަޅުގަނޑަށް ޙައްޖަށް ދިއުމަށް ފުރުޞަތު މިލިބެނީ 2033 ގައޭ އެބޭފުޅާ ވިދާޅުވީ. އެއީ ދެހާސް ތިރީސް ތިންވަނަ އަހަރުގައޭ އެބޭފުޅާ ވިދާޅުވީ. 

އެއީ މިހާރު ޙައްޖަށް ދިއުމަށްޓަކާ ޙައްޖުކޯޕަރޭޝަންއަށް، ޙައްޖަށްދާން ބޭނުންވާ، އެ ދައްކަންޖެހޭ ފުރިހަމަ އަދަދުގެ %75 ދައްކައިފި ކަމަށްވާނަމަ އެބަ ކިއުއަށް އަރާ. އެހެންވީމާ ވަރަށް ގިނަ މީހުން އެ 75 ޕަސެންޓަށް އެވާ ވަރު އެބަދައްކާ މިހާރު. އެއީ 52500 ރުފިޔާ. މިވަރަށް ދައްކައިފިކަމަށް ވާނަމަ ކިއުއަށް އެބައަރާ. އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަރަށްބޮޑަށް ސަމާލުކަން އެބަދޭންޖެހޭ މި މިންވަރު ކޮންމެވެސްގޮތަކަށް ދެއްކޭތޯބަލަން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ އުމުރުން، ގައިގަ ބާރު ހުއްޓާ ޙައްޖުވާން. 

އަޅުގަނޑު ހަނދާންވޭ އަޅުގަނޑަށް ޙައްޖަށް ދިއުމަށް ފުރުސަތު ލިބުނު ފަހަރެއްގަ އަޅުގަނޑު ހިނގަން ޖެހުނު 1 ގަޑިއިރާ 45 މިނިޓް ހުއްޓާނުލާ. 1 ގަޑިއިރާ 45 މިނެޓް ހުއްޓާނުލާ ހިނގަންޖެހުނު. އެހެންވީމަ މުސްކުޅި ބޭފުޅުންނަށް، މުސްކުޅި އުމުރަށް ދިޔުމުން ޙައްޖުވުމަކީ އެއީ ފަސޭހަ ކަމެއް ނޫން.ރަނގަޅަށް އެމީހާ ބޭނުންވާގޮތަކަށް ޙައްޖެއް ނުވެވޭނެ. އެހެންވީމަ، ގައިގަ ބާރު ހުއްޓާ ހާއްޖުވުމަކީ އެއީ ވަރަށް މުހިއްމުކަމެއް. 

ދެން އަދި ޕެންޝަނުންވެސް އެބަ ފައިސާ ދައްކައިދޭ ހައްޖަށް މިހާރު، އެމީހާގެ ޕެންޝަންގަ ވަކި މިންވަރެއް ހުރެއްޖެކަމުގަ ވާނަމަ. އެހެންމަ ސަރުކާރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންވެސް ރަނގަޅު ބަލައިލާން ތިމަންނައަށް އެގޮތަށް ދެވެން އެބައޮތްތޯ؟ ވަރަށް ބޮޑު އެއްޗެއް ޕެންޝަނުންވެސް އެބަ ދައްކައިދޭ  މިހާރު ޙައްޖަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ މިކަމާމެދު ވިސްނަން. އަދި ވަރަށް މުހިއްމު ނުކުތާއެއް އެބައޮތް. ދެން ބޭފުޅުން ހިތައް އަރާފާނެ ތިމަންނައަށް މިހާ ބޮޑު ޢަދަދެއް ދައްކާފަ ބެހެއްޓިދާނޭ، އެކަމަކު ކުއްލިއަކަށް ކަމެއްވެސް ދިމާވެދާނެނޫންހެއްޔޭ. އާދެ މިކަހަލަ ހާލަތްތަކުގަ ޙައްޖު ކޯޕަރޭޝަނުން އެބަ އެ ފައިސާ އެމީހާ ބޭނުންވެއްޖެނަމަ އަނބުރާ ހަމަ އެ ދެއްކި ހުރިހާ ފައިސާއެއްވެސް އެބަދޭ. އެހެންވީމާ އަޅުގަނޑުމެން ބެންކު އެކައުންޓުގައި މިހާރު ރުފިޔާ ބަހައްޓާނެކަމެއް ނެތް. އަޅުގަނޑުމެން ޙައްޖަށް ދާންބޭނުންވާކަމަށް ވަންޏާ ރުފިޔާ ބަހައްޓަންވީ ޙައްޖު ކޯޕަރޭޝަންގަ. އެ 52500 މިންވަރު އެންމެ މަދުވެގެން ބަހައްޓަންވީ. އޭރުން އަޅުގަނޑުމެން ކިއުއަށްވެސް އެބައަރާ އަދި އަނެއްކާ ބޭނުންވެއްޖެ ކަމަށް ވާނަމަ އެފައިސާ އަޅުގަނޑުމެންނަށް އެބަ ނަގަންވެސް ނެގޭ. 

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މަރުވުމުގެ ކުރީގަ އަޅުގަނޑުމެން އެކަލާންގެއާ ބައްދަލުވުމުގެ ކުރީގަ އަޅުގަނޑުމެންނަށް މަބްރޫރު ޙައްޖެއް ދެއްވުން. އަޅުގަނޑުމެން ޙައްޖަށް ދިއުމަށް އެއްވެސް ވަރަކަށް މަސެއްކަތް ނުކޮށްތިއްބާ އަޅުގަނޑުމެންނާ މަރު އައިސް ބައްދަލުކޮށްފިކަމަށް ވާނަމަ، އޭރުން އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލު މި ކުރަންޖެހެނީ ވަރަށް ދެރަ ހާލަތެއްގަ. އަދި އަނެއްކާ ކިތައް މުސްކުޅި ކިތައް ބޭފުޅުންތޯ ޒުވާން އިރުގަ ގިނައިން ފައިސާ ލިބުނުއިރުގައި އެކަމާ ނޫޅެވުނީމަ މިހާރު ހިތާމަ ކުރަނީ. އަޅުގަނޑުގެ އަމިއްލަ އާއިލާގަވެސް އެބަތިބި ހަމަ ދުވަސްވެފަތިބި ބައެއް ބޭފުޅުން ހަމަ ތިމާގެ ބޭބެއިން އެބަތިބި ކުރީގަ ޒުވާންއިރުގަ އެކަމާ ނޫޅެވުނީމަ މިހާރު ހިތާމަ ކުރާ މީހުން. މިހާރު އެހާ ބައިވަރު ލާރިއެއްވެސް ނުލިބޭ އަނެއްކާ ގައިގަ ބާރެއްވެސް ނެތް. އެހެންވީމާ މިހާރުންސުރެން ޒުވާންބޭފުޅުންވެސް އަދި މެދު އުމުރުގެ ބޭފުޅުންވެސް އެބަޖެހޭ މިކަމާ ވިސްނަން. ޙާއްޖަށް ދެވޭނެ ގޮތަކާމެދު ވިސްނަން. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުގައި ﷲ ފަރުޟު ކުރެއްވި އަޅުކަމެއް އަދާކުރުމަށް އޭނަ މަސެއްކަތްކުރާކަމަށް ވާނަމަ، އޭނަ އިޚުލާސްތެރިކަމާއެކު މަސެއްކަތް ކުރާކަމަށް ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް މަގެއް ދައްކަވާނެ. 

އަޅުގަނޑު ހަމަ ދަންނަ މީހަކު އޭނާ ޙައްޖަށް ގޮއްސަ އެބަހުރި އެއްޗެތި ހުސްކޮށްފަ ހުންނަ ފުޅި އެއްޗެހި ވިއްކައިގެން، ބާ އަންނައުނު ވިއްކައިގެން ހައްޖަށް ގޮއްސަ އެބަހުރި. ބައެއް މީހުން އެބަހުރި ފަހައިގެން، ވަރަށް ކުދިކުދި ކަންތައް ކޮށްގެންވެސް އެބަހުރި ޙައްޖަށް ގޮއްސަ. އެހެންމަ އަޅުގަނޑުމެންނަށްވެސް ހަމަ އިރާދުކުރެއްވިއްޔާ ވާނެ. 

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މަބްރޫރު ޙާއްޖެއް ދެއްވުން.

 

- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

މިއަދު އޮންލައިން