ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބިވިމީހާއަށް ކޮޅުކެހިދީ ދުނިޔެއަށް ފަޟީޙަތްކުރި ފިރިހެނަކަށް ޖެހުނު ނިކަމެތިޙާލާ އަންހެން މީހާއަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 36ސ
ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބިވިމީހާއަށް ކޮޅުކެހިދީ ދުނިޔެއަށް ފަޟީޙަތްކުރި ފިރިހެނަކަށް ޖެހުނު ނިކަމެތިޙާލާ އަންހެން މީހާއަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ލޯބީގައި ނަމަވެސް ތެދުވެރިނުވުމަކީ ކުށެކެވެ. ކުރިއަށް ގެންދަން ބޭނުންނުވާނަމަ އޮތީ ރިވެތި ގޮތުގައި ހުއްޓައިލުމެވެ. އަނެކާއަށް ދެރަދީ ފަޟީޙަތްކުރުމަކީ ކުރެވޭ ބޮޑެތި ކުށްތަކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް ގިނަ ފަހަރު ދުނިޔޭގައިވެސް އޮންނަނީ ހިތާމަކުރަންޖެހިފައެވެ. 

ތިރީގައިވާ ވާހަކައަކީވެސް އެކަމުގައި ވަރަށް އަގުހުރި ފިލާވަޅެއް ލިބިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ! 

އަޅުގަނޑު ފުރަތަމަވެސް އިޢްތިރާފްވާނީ އަޅުގަނޑަށް ކުރެވުނު އެންމެ ބޮޑު ކުށަށެވެ. އެއީ އަޅުގަނޑު އެމީހަކު އިންތިހާއަށް ލޯބިވީމީހާއަށް އިތުބާރުކޮށް ލޯބި ޙަލާލުނުކޮށް ނަފްސް އޭނާ އާއި ޙަވާލުކުރެވުނު ކަމެވެ. ވާހަކަ މިފަށަނީވެސް އެކަމަށް އިޢްތިރާފްވެ، ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަމުންނެވެ. 

އަޅުގަނޑަށްވެސް މީހަކުދެކެ ވަރަށް ބޮޑަށް ލޯބިވެވުނެވެ. ލޯބީގައި ދުވަސްތައް ފާއިއތުވަމުންގޮސް 3 އަހަރުވީތަނާ އޭނާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށްބުނެ ތާރީޚުވެސް ކަނޑައެޅިއެވެ. އެހުރިހާ ކަންކަންކުރުމަށްފަހު ތަކުރާރުކޮށްއެދެމުން ގެންދާތީ އިތުބާރުކޮށް އޭނާއަށް އަޅުގަނޑުގެ ނަފްސް އޭނާ ބޭނުންވި ގޮތަށް ދެވުނެވެ. އެކަމުގެ ނަތީޖާއަކަށްވީ އަޅުގަނޑު ބަލިވެއިނެވެ. 

ބަލިވެ އިންކަން އެނގުނުއިރު ކައިވެނިކުރަން ބުނި ދުވަސްޖެހެން އޮތީ އެންމެ 10 ވަރަކަށް ދުވަހެވެ. އެހެންވެ އެއްބަސްވެފައިވާ ދުވަހު އަވަހަށް ކައިވެނިކުރަން އެދުނީމެވެ. ވިހައިގަދަވުމުން އަލުން ކައިވެނިކޮށް ކައިވެނި ޙަލާލުކުރަން ޖެހުނަސް ދުނިޔޭގެ ލަދުން ސަލާމަތްކޮށްދޭން އެދުނީމެވެ. 

އެގޮތަށް އެދުމުން ދިން ޖަވާބަކީ: "ދަރިފުޅު ވައްޓައިލާށެވެ! އަހަރެން ފައިސާދޭނަމެވެ. އަހަރެން ކަލޭމަތިން މިހާރު ވަރަށް ފޫހިވެއެވެ. އެހެންވެ ކަލޭ ދޫކޮށްލަން ނިންމައި މިހާރުވެސް މިއުޅެނީ ވަރަށް ރީތި އަންހެނަކާއި ގުޅިގެންނެވެ." 

އެހެންބުނުމުން އެހެން ނުހެދުން އެދި ރޮއި ދެފައިގައި ހިފައި އާދޭސްކުރުމުންވެސް ރަޙުމެއް ނުކުރިއެވެ. އެރޭގެ ފަހުން ބައްދަލުނުކުރިތަނުގައި ފޯނުވެސް ނުނެގިއެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 26 އަހަރެވެ. އުޅުނީ ޒިންމާދާރު ވަޒިފާއެއްގައެވެ. ގިނަ ބައަކު އަޅުގަނޑު ދަންނާނެއެވެ. ވީމާ ފަޟީޙަތްވާތަން ފެނުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވިއެވެ. އަދި ދަރިފުޅު ވައްޓާލަންވެސް ބޭނުމެއް ނުވިއެވެ. އެއީ ކުރެވޭނެ މާބޮޑު ފާފައަކަށްވާތީއެވެ! އެހެންވެ އަޅުގަނޑު ހެދިގޮތަކީ ގެއިން އަޅުގަނޑަށް ލިބިފައިވާ ފްލެޓް ކުއްޔަށްދީފައި ކުޑައިރު ސްކޫލްދައުރުގެ އެކުވެރި އަންހެންކުއްޖެއްގެ ގާތަށް ރާއްޖެތެރޭ ރަށަކަށް ދިއުމެވެ. 

އެރަށުގައި އުޅުނީ އެކުވެރިޔާގެ ގެއިން ކޮޓަރިއެއް ކުއްޔަހިފައިގެންނެވެ. ފްލެޓުން ލިބޭކުލިން ހުރިހާ ޚަރަދެއްކޮށްގެން އުފަލުގައި ދިރިއުޅެވެއެވެ. އެއއިގެ އިތުރުން އެކުވެރިޔާއަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އުޚުތެއްފަދަ ކުއްޖެކެވެ. އެހައިވެސް އަޅުގަނޑަށް ހެޔޮކޮށް ހިތިއެވެ. 

އެކުވެރިޔާގެ ރަޙްމަތްތެރިއަކު މާލެއިން އައިސް އުޅޭތީ ކާންދޭންވެގެން ގެނައި ރެއެކެވެ. އޭނާ ފެނުމުން ކުރިން ބައްދަލުވެފައިވާ މީހެއްކަމަށް ހަނދާންވިއެވެ. ނަމަވެސް ތަނެއް ދުވަސްވަރެއް ހަނދާނެއް ނެތެވެ. އަޑުވެސް ހަނދާނަށް އައެވެ. ނަމަވެސް ކާކުކަން ހަނދާނަކަށް ނައެވެ. ކޮންމެއަކަސް އޭނށާއަކީ ބަސްމަގު ރިވެތި އަޚްލާޤް ރަނގަޅު ޒުވާނެއްކަން ފާހަގަކުރެވުނެވެ. 

ކައިނިމުނުތަނާ އެކުވެރިޔާ ކަމަކު ބޭރަށްދާންޖެހިގެން ދިއުމުން ސިޓިންގރޫމްގައި ތިބީ 2 މީހުން އެކަންޏެވެ. އޭނާ ސުވާލުކުރީ އޭނާ ފާހަގައެއް ނުކުރެވުނު ހެއްޔެވެ؟ ޖަވާބުގައި ދެކެފަރިތަކަން ފާހަގަކުރެވުނު ކަމަށާއި ނަމަވެސް ބައްދަލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވުމުން ކާކުކަން ނަގައިނުގަނެވުނުކަމަށް ބުނީމެވެ. 

އޭނާ ބުނީ ދެމީހުން އެކީ ވިލާކޮލެޖުގައި ކުޑަ ދުވަސްކޮޅަކު ކިޔަވަން އުޅުނު ކަމަށެވެ. ދެން ބުނީ އެއިރުވެސް އޭނާއަށް އަޅުގަނޑު ވަރަށް ކަމުދިއަ ކަމަށާއި ނަމަވެސް މާލީގޮތުން ވަރަށް ދަތިޙާލުގައި އެއިރު އުޅޭތީ ވާހަކަ ދައްކަންވެސް ނުކެރުނީ ކަމަށެވެ. މިހާރު އިނީ ވަރިވެގެންކަން އެކުވެރިޔާގެ ކިބައިން އެނގޭކަމަށާއި މިހާރުވެސް ހުރީ ކައިވެނިކުރަން ތައްޔާރަށް ކަމަށެވެ. މިހާރު އޭނާއަކީ ޢިމާރާތް ކުރުމުގެ މަސައްކަތް އަމިއްލައަށްކުރާ މީހެއްކަމަށާއި އަނބިދަރިން ގޮވައިގެން އުޅުމުގެ މާލީ ޤާބިލްކަން އެބަހުރިކަމަށެވެ. 

"އަޅުގަނޑު ބުނީމެވެ. "އެކުވެރިޔާ އެބުނީ ތެދެކެވެ. މިއަދު މިއީ ބަނޑަށް 8 މަހުގެ އަންހެނަކީމެވެ. ބަނޑުގައި އޮތީވެސް ނަޙަލާލް ދަރިއެކެވެ. އެވާހަކަ އެކުވެރިޔާ ނުބުނޭހެއްޔެވެ؟" 

އޭނާބުނީ އެކުވެރިޔާ އެބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާކަމަށެވެ. ދެން އޭނާ އަހަރެންގެ ގާތުގައި އިށީނދެ ހުއްދަހOދައިގެން ބަނޑުގައި އަތްޖައްސާލައިގެން އިނދެ ބުންޏެވެ. "އަހަރެން އަތްލައިގެން މިއިނީ މާބަނޑު އަންހެނެއްގެ ބަނޑުގައެވެ. ހުވާކޮށްފައި ބުނަމެވެ. ތިއަ ދަރިފުޅަކީ އަހަރެންގެ ދޮށީ ދަރިފުޅުކަމުގައި ދެކޭނަމެވެ. ތިއަދަރިފުޅާއިއެކު އަހަރެން ސީމާ ބަލައިގެންފީމެވެ. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދެރަވާނެ ކަމެއް ނުކުރާނަމެވެ. ވިހާގަދަވެގެން އަހަރެންނާއި ކައިވެނިކުރަން އެއްބަސްވާށެވެ." 

އިޚްތިޔާރުގައިނަމަވެސް ބޭއިޚްތިޔާރުގައި ނަމަވެސް އަޅުގަނޑަށް އެއްބަސްވެވުނެވެ. އެހިސާބުން ދެމީހުންގެ މެދުގައި ވަރަށް ޠޯހިރު ގުޅުމެއް އުފެނުތާ ދުވަސްކޮޅަކުން އޭނާ މާލެދިއައީއެވެ. ކޮންމެ ދުވަހަކު 2 ފަހަރަށް ފާނުކޮށް އަޅުގަނޑުގެ ޙާލު ބެލިއެވެ. ވިހަންވުމުން ރަށަށް އައެވެ. ވިހައިގަދަވުމުން އަނެއްކާވެސް މާލެދިއައެވެ. 

ދެން ރަށަށް އައީ އަޅުގަނޑުގެ ހަށިޠޯހިރުވީފަހުން ކައިވެނިކުރާށެވެ. ކައިވެނިކޮށްގެން މަހެއްހައިދުވަހު ރަށުގައި ހުރެފައި އަނެއްކާވެސް މާލެ ދިއައީއެވެ. އަޅުގަނޑު އެދުނީ ގްރޭޑް 1 އަށް ދަރިފުޅު ވައްދާވަރުވަންދެން އެރަށުގައި ބައިންދައިދިނުމަށެވެ. އެކަންވެސް އޭނާ ޤަބޫލުކުރިއެވެ. ނަމަވެސް ބެއިންދީ ރަށުގައި އޭނާ އަޅާފައި ހުރި ގެއެއްގައެވެ. މާލެއައީ މާލެދޫކޮށް މާލެއިން ފުރިތާ 6 އަހަރުފަހުންނެވެ. ދިރިއުޅެންފެށީ އަޅުގަނޑުގެ ފްލެޓުގައެވެ. 

އެއީ ހުކުރު ދުވަހެކެވެ. ދަރިފުޅު ގޮވައިގެން ކޮތަރަށްކާންދޭން ގޮސް ޖުމްހޫރީ މައިދާނުގައި ދެމަފިރިން އުޅެމުން ފެންފުޅިއެއް ގަންނަން ފިރިމީހާ ދިއަ ވަގުތު އެތަނުގައި ހުރިމީހަކު އަޅުގަނޑަށް ގޮވާލުމުން ބަލައިލީމެވެ. ހިކިފައި ހުރިވަރުން ސިފަވަކިކުރަންވެސް ނުއެނގުނެވެ. އަޑުވެސް ހުރީ ވަރަށް ހިމަވެފައެވެ. ނަމަވެސް އަޑުން ޝައްކުވިއެވެ. 

އޭނާ ސުވާލުކުރީ ތިއަ ގެންގުޅެނީ އަޅުގަނޑުގެ ދޮށީ ދަރިފުޅުތޯއެވެ؟ ޖަވާބުގައި އާނއެކެވެ ބުނުމުން އޭނާ ސުވާލުކުރީ ފުރަތަމަ ދަރިފުޅު ވައްޓާނުލަންތޯއެވެ؟ އެހެންބުނުމުން އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ވައްޓާނުލާކަމަށް ބުނުމުން އޭނާ ބުނީ އޭނާއަކީ އެދަރިފުޅުގެ ބައްޕަ ކަމަށެވެ. ދެން ސުވާލުކުރީ އަތްޖައްސާލިޔަސް އެންމެ ރަނގަޅުތޯއެވެ؟ އެކަމަށް އިންކާރުކުރީމެވެ. 

އެހިސާބުން އޭނާގެ ސިފައަށް ވެފައިހުރީ ކިހިނެއްތޯ ސުވާލުކުރުމުން ބުނީ އޭނާގެ މައިންބަފައިންގެ ގޯތިން ލިބުނު ބިންކޮޅު އަޅުގަނޑަށް ލޮޓިދީފައި ކައިވެނިކުރެވުނު އަންހެން މީހާއަށް ރަޖިސްޓްރީކޮށްނުދިނުމުން ދުނިޔެއިން މޮޔަކޮށްލަން ހެދި ސިޙުރަކުންވެފައިހުރި ގޮތެއް ކަމަށެވެ. އެކަނި އުޅެލެވޭވަރުވީވެސް ވަރަށް ބޮޑަށް ރުޤްޔާކޮށްގެން ކަމަށެވެ. 

ވަރަށް ގިނަ ވާހަކަތައް ބުނެލަން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ޖެހިފައިހުރި ޙާލަށް ބަލައި އިތުރުބަހެއް ނުބުނެ ދަރިފުޅު ގޮވައިގެން ދުރަށް ދިއައީއެވެ! އެއިރު ފެންފުޅި ހިފައިގެން ފިރިމީހާވެސް އާދެއެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު މިވީ 16 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. އިތުރު 3 ދަރިންވެސް ވަނީ ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަމެވެ. އަޅުގަނޑު ހަމައެކަނި ކޮށްލަން ބޭނުންވާ އިލްތިމާސަކީ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް އަޅުގަނޑަށް ހެދުނު ގޯސް ނުހެދުމަށެވެ. އަދި ކަމެއް ދިމާވެގެން ބަލިވެ އިންނަމަވެސް ދަރިފުޅު ވައްޓާނުލުމަށެވެ. ﷲ ގެ ރަޙްމަތަށް އެދި ދުޢާކުރުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެކަން އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާތީއެވެ. 

- ސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން