ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. 

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް މިނިސްޓަރ ޒަމީރު ރައްދުކުރައްވާނެއެވެ.  

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މި އަހަރަކީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ. 

މިދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސްވަނީ ހަމަޖެހިފައެވެ. 

މި ހިނގާ އޮގަސްޓް މަހުގެ 18 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން