އައްޑޫއަށް ސީދާ ފްލައިޓު ގެނައުމަށް އެއަލައިންތަކާއެކު ދަނީ މަޝްވަރާ ކުރަމުން ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
"ޑެސްޓިނޭޝަން އައްޑޫ" ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ރިސޯޓު ހުޅުވުމުގެ ފައިދާ ފުރިހަމައަށް ލިބުމަށްޓަކައި އައްޑޫއަށް ސީދާ ފްލައިޓު ގެނައުމަށް ބައެއް އެއަލައިންތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑަށް މިހާރު މިވީ 9 މަސް ދުވަހުން ޤަބޫލު ކުރެވުނީ، ފުރަތަމަ ކަމަކަށް ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށްވެސް އައްޑޫއަށް އެބަޖެހޭ ޑައިރެކްޓް ފްލައިޓު ގެނެވެން. އެ އުއްމީދު އައްޑޫގައި އިންވެސްޓް ކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް، އައްޑޫގައި އެނދުތަރައްޤީކޮށް އެތަންތަން ބަނދުކޮށްފައި ތިބި ވިޔަފާރިވެރިންނަށް އެ އުއްމީދު ނުފެނިއެއް އެކަމެއް ނުކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
ޝަންގްރިއްލާ ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށްވާއިރު، ޝަންގްރިއްލާގެ މެނޭޖްމަންޓާއެކު މީގެ ކުރިން ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ދެ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރިސޯޓު އަލުން ހުޅުވުމަށް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކާއެކު، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އައްޑޫއަށް ސީދާ ފްލައިޓުތައް ގެނައުމަކީ މި ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއްކަމުގައި ބެލެވެއެވެ.