މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 2 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަންގައި ފުރަތަމަ ބަލައި ފާސްކުރެވުނީ ގ. ހީނާމާގެ ޕާކިން ސަރަހައްދެވެ. މި ސަރަހައްދުން ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައެވެ.
ދެވަނައަށް ބަލައި ފާސްކުރެވުނީ މާފަންނު ސަރަހައްދުގައި ހުރި ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެކެވެ. މި ތަނުގެ މަޢުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާކުރުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގިސްފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.