ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތު ދެއްވިގޮތުގައި މަޖިލީހުގެ ރައީސް ފުރާވަޑައިގެންނެވީ "2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 18 އިން 23 އަށް، 6 ދުވަހުގެ މުއްދަތަށް ޗައިނާގައެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.