ހުޅުމާލޭގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހުޅުމާލޭގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުމާލޭގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ތިން ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި މަޝްރޫއު ދޫކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި، ނަމަވެސް އެހެން މޮޑެލްތަކަށްވެސް އީއޯއައި ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ހިމެނޭ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫއުގައި ޝައުގުވެރިވާ ފަރާތްތަކުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް އީއޯއައި ހުށަހަޅަންވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އަދި އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން