އަންނަ އަހަރުގެ މެއި މަހުގެ 23 އިން 31 އަށް "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތަނަކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ.
މި މަޢުރަޒާ ގުޅޭ ތަފްސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ނައިބު ޞާލިޙް ޙުސައިން ވިދާޅުވި ގޮތުގައި މި މަޢުރަޒުގައި 81 ދާއިރާއަކުން ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މި ދާއިރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަމިއްލަ ފަރުދުންގެ ގޮތުގައިވެސް، ރަށު ފެންވަރުގައިވެސް، ސިޓީތަކުގެ ފެންވަރުގައިވެސް، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ހިމެނޭ ވިޔަފާރިތަކުގެ އަދި ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާއިން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ," ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޢުރަޒުގައި ވާދަކުރުމުގެ ބައިގެ އިތުރުން ތަފާތު އެކި ކަހަލަ ޑިސްޓްރިކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ޞާލިޙް ހާމަކުރެއްވިއެވެ. އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިހާރުވަނީ މަޢުރަޒާ ގުޅުން ހުރި ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގެޒެޓްކޮށްފައެވެ.