ކުރިން ލަފާކުރި ގޮތާ ޚިލާފަށް މިމަހު ދައުލަތުގެ ރިޒާވަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެމްއޭއިން ބުނެފައިވަނީ މިއަހަރުގެ ޖުލައިމަހު ބޭނުންކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށެވެ. ނަމަވެސް މި އަދަދު ހިސާބު ކުރުމުގައި ސްޕެޝަލް ޑްރޯވިންގ ފެސިލިޓީ (އެސްޑީއެފް) ގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، އެސްޑީއެފަށް ޖަމާކުރެވޭ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމާއި ގުޅިފައިވާ އިންޑަސްޓްރީތަކުން މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ޚިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްއެމްއޭއަށް އަންދާޒާ ކުރެވޭތީ، މީގެ ހެޔޮ ބަދަލު ރިޒާވްއިން ފެންނާނެކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް ދަނީ ސަރުކާރުން ކުރަމުންނެވެ.
މި ހުރިހާ ކަމަކުން، ކުރިން ލަފާކުރި ގޮތާ ޚިލާފަށް މިމަހު ދައުލަތުގެ ރިޒާވަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްއެމްއޭއިން އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.