މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ޢިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފަކަމަށްވާ ހިތްހެޔޮކަން ކުރާ ބޮޑުފައިދާގެ ވާހަކައެވެ. އެހެން މީހުންނަށް އެހީތެރިވުމުން ކުރާ ބޮޑު ފައިދާގެ ވާހަކައެވެ. އެހެން މީހުންނަށް އެޙީތެރިވެވޭނީ ހިތްހެޔޮވެގެންނެވެ.
އެއީ އުމުރުން 30 ވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ތަނަވަސް މީހަކާއި ކައިވެނިކޮށްގެން 2 ދަރިން ލިބުމުން ދަރިންކޮޅު އަތުލައި ވަރިކޮށް ގެއިން ނެރެލުމުން މަގުމަތިވެފައިވާ އަންހެނެކެވެ. އެހެންވެ އޭނާ އުޅެމުން ދިއައީ މަގުމަތީގައި ސަލާންޖަހާށެވެ.
އެފަދަ ޙާލެއްގައި އުޅެނިކޮށް އޭނާއާއި ބައްދަލުވަނީ ވަރަށް ބަލިޙާލުގައި މަގުމަތީގައި އިން އަންހެނަކާއިއެވެ. ދެމީހުންގެ މެދުގައި ގުޅުންއުފެދި ދެއެކުވެރިންގެ ގޮތުގައި މަގުމަތީގައި އުޅެންފެށިތާ ދުވަސްކޮޅަކުން އެކުވެރިޔާގެ ޙާލު ވަރަށް ބޮޑުވުމުން ހޮސްޕިޓަލަށް ގެންދިއުމުން އެޑްމިޓްކޮށްފިއެވެ. އޭނާގެ އަތުގައި މެޑިކަލް އިންޝޫރަންސް ކާޑެއް އޮތުމުން އެއީ މައްސަލައަކަށް ނުވިއެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި 3 މަސްދުވަހު އޮތްއިރުވެސް އޭނާ ދެކެލަން ހަމައެކަކުވެސް ނުދެއެވެ. އަބަދުހެން ގާތުގައި ހުރީ އެކުވެރިޔާއެވެ. އެއިރުވެސް ކެއުން ބުއިމުގެ ޚަރަދުތައް ހޯދަމުންދިއައީ ސަލާންޖަހައިގެންނެވެ. އެދުވަހަށް ކިރިޔާ ފުދޭވަރުގެ އެތިކޮޅެއް ލިބުމުން އަވަހަށް ހޮސްޕިޓަލަށް ގޮސް އެކުވެރިޔާއަށް އެހީތެރިވަނީއެވެ.
އެފަދަ ގޮތަކަށް އުޅެނިކޮށް އެކުވެރިޔާ މަރުވުމުން އަނެއްކާވެސް މަގުމަތީގައި ނިދައި ހަދަމުން ދަނިކޮށް މީހަކު އައިސް އޭނާ އާއި ބައްދަލުކޮށްފައި ބުނީ މިއީ އޭނާގެ މަރުވި އެކުވެރިޔާ އޭނާއަށް ދީފައިވާ ލިޔުމެއް ކަމަށެވެ.
ލިޔުމުގައިވެއެވެ. "އެކުވެރިޔާއެވެ. އަހަރެންނަކީ ތަނަވަސް އަންހެނަކީމެވެ. އަހަރެންނަށް ކެންސަރުޖެހުމުން ޢާއިލާގެ މީހަކުވެސް އަދި ފިރިމީހާވެސް އަހަރެންނަކަށް ލޯތްބެއް އަދި އަޅައިލުމެއްވެސް ނުދިނެވެ. އަބަދު ދެއްކީ އަހަރެންގެ ތަނަވަސަކަން އެމީހުންނަށް ބަދަލުކުރުމުގެ ވާހަކައެވެ. އަހަރެން ފަޤީރަކަށް ހެދިގެން މަގުމަތީގައި އުޅެންފެށީ އަހަރެން އެޙާލުގައި ހުއްޓައި އަހަރެންގެ ތަނަވަސްކަމަށް ދަހިވެތިނުވެ އަހަރެންނަށް އެހީތެރިވެދޭނެ މީހަކު ހޯދުމަށެވެ.
ކަންދިމާވިގޮތުން އަހަރެންގެ އެމީހަކަށްވީ ތިއަ އެކުވެރިޔާއެވެ. މަގުމަތީގައި ސަލާންޖަހައިގެން ކާނެއެތިކޮޅުހޯދަމުންވެސް ތިއަ އެކުވެރިޔާ އަހަރެންނަށް އެހީތެރިވެދީ އެންމެ ފަހުނޭވައާއި ހަމައަށްވެސް ބަލަހައްޓައިދިނީމުއެވެ.
އެކުވެރިޔާ އަހަރެންނަށް ކޮށްދިން ކަންކަމުގެ ފުރިހަމަ އަގެއް ނުދެވޭނެއެވެ. ނަމަވެސް އަހަރެންނަށް ދެވެންހުރި މިންވަރު މިދެނީއެވެ. އަހަރެންގެ ގެއާއި 3 ކާރާއި އެކައުންޓުގައި ހުރި ހުރި ހުރިހާ ފައިސާއެއް ތިއައެކުވެރިޔާއަށެވެ. އެތަކެތި ހޯދައިދިނުމުގެ ކަންކަން މިލިޔުން ހިފައިގެން މިދާ އަހަރެންގެ ވަކީލުކޮށްދޭނެއެވެ.
އަހަރެންގެ ތަނަވަސްކަން އެހެން މީހަކަށް ދޫކޮށްނުލާށެވެ! އެކުވެރިޔާ ބޭނުންވާ ގޮތަކަށް ބޭނުންކުރާށެވެ! ޙަޔާތުގެ ބާކީއޮތް ދުވަސްކޮޅު ވީހައި އުފަލުގައި ދިރިއުޅޭށެވެ. އިރާދަކުރެއްވިއްޔާ ދެމީހުން ސުވަރުގެއިން ބައްދަލުވާނެއެވެ."
ލިޔުން ކިޔާފައި އެއީ ހަމަތެދެއްކަން ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. ނަމަވެސް އެއީ ހަމަ ޙަޤީޤަތެއްކަން ވަކީލު ޔަޤީންކޮށްދިނެވެ. ވަކީލު އޭނާގެ ގެއަށް އެއަންހެނާ ގެންދިއައެވެ. ގޭގައި ބަހައްޓައިގެން އެވަޞިއްޔަތުގައިވާ ގޮތަށް ޢަމަލުކޮށް ތަނަވަސް އަންހެންމީހާގެ ހުރިހާ ތަނަވަސްކަމެއް އޭނާގެ އެކުވެރިޔާއަށް ހޯދައިދިނެވެ. މިކަމުގެ ތެރެއިން އުފެދުނު ގުޅުމުގައި ދެމީހުން ލޯބިވެރިންކަމަށްވެ ދެމީހުން ކައިވެނިވެސް ކުރީއެވެ. މަގުމަތީގައި ސަލާންޖަހަން އުޅުނު ނިކަމެތި އަންހެނަކު ކުއްލިއަކަށް ތަނަވަސް އަންހެނަކަށް ބަދަލުވީއެވެ.
ތަނަވަސްކަން ލިބުމުން އޭނާ އެންމެ ބޮޑު އިސްކަމެއްދިނީ އޭނާގެ ދެދަރިން އަނބުރާ ހޯދުމަށެވެ. އެއީ އެއްވެސް އުނދަގޫކަމަކަށްނުވިއެވެ. އެހިސާބުން ދެދަރިންގެ އިތުރުން ކުރީގެ ފިރިމީހާއަށްވުރެ އޭނާދެކެ މާލޯބިވާ ފިރިއަކުވެސް ލިބުނީއެވެ. އޭނާ ނިކަމެތިކޮށް އެއްލައިލި ފިރިމީހާއަށްވުރެ މާތަނަވަސްކަންބޮޑު އަންހެނަކަށްވެސް ވެވުނީއެވެ.
އޭނާ ކޮންމެ ދުވަހަކު މަގުތަކުގައި ހިނގައި ކުރިން އޭނާ އުޅުނުފަދައިން މިހާރު މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި ކާބޯތަކެތި ބަހާހަދައެވެ.
ދަތިޙާލުގައިވާ މީހަކާއި ބައްދަލުވެއްޖެނަމަ އެއީ ކާކުކަން ބެލުމުގެ ބަދަލުގައި އެމީހަކަށް އެހީތެރިވެދޭށެވެ. ދުނިޔޭގައި ކޮންމެ މީހަކަށް މިލިއަނަރަކަށް ނުވެވުނު ނަމަވެސް އާޚިރަތް ދުވަހު ﷲ ގެ ޙަޟްރަތުގައި އެމީހަކުވާނީ ހަމަ ބިލިއަނަރަކަށެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-