ދެމަފިރިން އެއްދާންކުރުމަކީ ތިމާ ނުވަތަ ބައިވެރިޔާގެ އުފަލަށް އެކަނި ކުރަން އޮތް ކަމެއް ނޫން! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންވެސް ކުރަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދެމަފިރިން އެއްދާންކުރުމަކީ ތިމާ ނުވަތަ ބައިވެރިޔާގެ އުފަލަށް އެކަނި ކުރަން އޮތް ކަމެއް ނޫން! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންވެސް ކުރަން ޖެހޭ ކަމެއް!

ކައިވެންޏަށް އިސްލާމް ދީނުގައި އޮތް މަތިވެރި ޤަދަރާއި ކައިވެނިކުރުމުގެ މަތިވެރިކަމުގެ ވާހަކަ ވަރަށް ގިނައިން އެބަ ކިޔައިދެމެވެ. މިހައި ބޮޑު މަތިވެރިކަމެއް ކައިވެންޏަށް ދެއްވަވާފައި މިވަނީ މުހިންމު ސަބަބުތަކަށްޓަކައި ކަމަށް ޤަބޫލުކުރަންޖެހޭނެއެވެ.  

ކައިވެނިކުރުމުގެ ބޭނުމަކީ ދެމީހުން އެކުގައި ރެސްޓޯރަންޓްތަކަށް ގޮސް ކެއުމާއި ބޭނުންވާ ތަކެތި ގަނެ ބާޒާރުކުރުމާއި އެކުގައި ދަތުރުގޮސް މަޖާކުރުން ކަމަށް ހަދައިފިނަމަ ކައިވެންޏާއިމެދު އެވިސްނެނީ ރަނގަޅަކަށް ނޫނެވެ. ކައިވެނީގެ މަޤްޞަދު މާމަތިވެރިއެވެ.  

ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށްވާންޖެހޭނީ ދެމީހުން އެކުގައި ސުވަރުގެ ދިއުންކަމަށް ހަދަން ވަރަށް ގިނައިން ބުނަމެވެ. އެބަސް މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އަދި އެބަސް ދެމަފިރިން އެކުގައި އެއްދާންކުރުމާއިވެސް ގުޅުވައިލާނަމެވެ.  

ޒުވާން ޢުމުރުގައި ކައިވެނިކުރަނީ ކައިވެނީގެ ސަބަބުން އެތައް ބައިވަރު އުފާތަކެއް ޙާޞިލުކުރުމަށެވެ. އބައެއް އަނބިން ނުވަތަ ފިރިންވެސް ބުނަން ލަދުގެންފާނެއެވެ. ނަމަވެސް އެއިގެ ތެރެއިން އެންމެ ބޮޑު އެއްބޭނުމަކީ ﷲ ތަޢާލާ ޙަވާލުކުރެއްވެވި ގޮތުގައި ތިމާގެ ބޭނުންތައް ފުއްދުމެވެ. އެވާހަކަ ބުނަން ލަދުގަތަސް މިއީއަކީ ދެކޮޅުހަދައި ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.  

ﷲ ތަޢާލާ އާދަމްގެފާނު އުފައްދަވައި އަދި ޢާދަމްގެފާނަށްޓަކައި ހައްވާގެފާނު އުފެއްދެވީ އިންސާނާގެ ކިބައިގައި އެކަމަށް ބޭނުންވުން ﷲ ތަޢާލާ ލައްވަވާފައިވާތީއެވެ. އަދި ޙަލާލު ގޮތުގައި އެކެއްގެ ކިބައިން އަނެކަކު އުފާވެރިކަން ލިބިގަންނަން ކީރިތި ޤުރްޢާނުގައިވެސް އެބައޮތެވެ. ވީމާ މިއީ ދައްކަން ކޮންމެހެން ލަދުގަންނަން ޖެހެންވީ ވާހަކައެއް ނޫނެވެ.  

ބުނެލަން އޮތީ ދެމަފިރިން އެކުގައި އުފަލުގައި އުޅުމަކީ ﷲ ތަޢާލާ ރުހިވޮޑިގަތުން ލިބެން އޮތް މަގެކެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވައި ރިޒުޤް ތަނަވަސްކޮށް ދެއްވަވާ ކަމެކެވެ. ދެމަފިރިންނަށް އުފަލުގައި އުޅެވޭނީ އެއްދާންކޮށް އަނެކާގެ ބޭނުންތައް ފުއްދައިދީގެންނެވެ. ދެމީހުން އެއްދާންކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލެއްކަމަށް މިބުނަނީ މިބަޔާންކުރި ސަބަބުތައް ހުރުމުންނެވެ. އެއިގެ އިތުރުން ޙަލާލް ގޮތުގައި އެކަންކުރުމަކީ ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ ކަމެއް ކަމަށް ޙަދީޘްފުޅުގައި އެއޮތީ އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމަކަށްވާތީއެވެ.  

ހެޔޮގޮތުގައި ވިސްނާ މީހަކަށް މިވަރުން ފުދޭނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ

 

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން