ކީރިތި ޤުރްއާން ކިޔެވުމުން ލިބެން އަޖުރު ފރުިހަމަ ގޮތުގައި ލިބެން އޮތީ ތަޖްވީދުމަގުން ކިޔަވައިގެންނެވެ. ވީމާ ކުޑައިރު ޤުރްއާން ކިޔަވަން ކްލާހަކަށް ނުދެވުމަކީ ނުވަތަ ތަޖުވީދުމަގުން ކިޔަވަން ދަސްވެފައި ނެތުމަކީ މުޅި ޢުމުރުގައި އެގޮތަށް ހުންނަން ޖެހޭ ސަބަބަކަށް ނުހަދާށެވެ.
ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔަވަން ދަސްކުރުމަކީ މިހާރު ކުރަން އެހައި އުނދަގޫ ކަމެއް ނޫނެވެ. ނުހަނު ފަސޭހައިން އެކަން ކުރެވޭނެ މަގުތައް ވައިވަރެވެ. ބޭނުންވަނީ ޢަޒުމާއި ހިތްވަރެވެ. އެކަމަށް ވަޤުތުކޮޅެއް ހުސްކުރުމެވެ.
އަމިއްލަ ފޯނު މެދުވެރިކޮށްވެސް ދަސްކުރެވިދާނެއެވެ. އެދުވަހަކު ކިޔަވަން ޤަޞްދުކުރާ މިންވަރު ކިރެވުމުގެ ކުރިން އެމީހަކު ހިތް ހަމަޖެހޭ، އެންމެ ރީތި ރާގަށް ކިޔަވާ ޤާރީއެއްގެ ކިޔެވުމުގެ އަޑުން އެ އާޔަތްތައް އަޑުއަހައިލާށެވެ!
ކީރިތި ޤުރްއާން ކިޔަވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ ދެކަމެއް ވެއެވެ. އެއީ ތަޖުވީދުމަގުން ކިޔެވުމާއި ކިޔަވާ އާޔަތްތަކުގެ މާނައެނގުމެވެ. ވީމާ ދުވާލަކު ކިތަންމެ މަދު އާޔަތް ކިޔެވުނު ނަމަވެސް ފުރަތަމަ ކަމަކަށް ތަޖުވީދު މަގުން ކިޔަވަން މަސައްކަތްކުރުމާއިއެކު ކިޔެވޭ އާޔަތްތްކުގެ މާނަ ކިޔައިލާށެވެ!
ރީތިކޮށް ކިޔަވާ މަޝްހޫރު ޤާރީން ކިޔަވާ އަޑު ގިނައިން އެހުމަކީ ވެސް ތަޖުވީދު މަގުން ކިޔަވަން ދަސްވާ ކަމެކެވެ. ވީމާ ނިދާއިރުވެސް އަދި އެނޫން ވެސް ހުސްވަގުތުތަކުގައި އަޑުއަހާށެވެ! ކީރިތި ޤުރްއާނަށް ސަމާލުކަން ދީގެން އަޑުއެހުމަކީވެސް ސަވާބު ދެއްވަވާނެ ކަމެކެވެ! އިން ޝާ ﷲ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން