ބާ ކައުންސިލާއި އައި.ޔޫ.އެމް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބާ ކައުންސިލާއި އައި.ޔޫ.އެމް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 2024 އޮގަސްޓު 19 ވަނަ ދުވަހުގެ ހޯމަ ދުވަހު އައި.ޔޫ.އެމްގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، އައި.ޔޫ.އެމްއިން މިހާރު ހިންގަމުންދާ 'ޝަރީޢާ އެންޑް ލޯ' އާ ގުޅުންހުރި ކޯސްތަކާއި، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

އައި.ޔޫ.އެމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ވަޙީދާ، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން އަލްއުސްތާޛު ޢަލީ ނިޝާމް އަދި އިތުރު ބައެއް ލެކްޗަރަރުންނެވެ. ބާ ކައުންސިލްގެ ފަރާތުން އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ބާ ކައުންސިލަކީ ދިވެހި ދައުލަތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ފެންވަރު މަތިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ މުއައްސަސާއެކެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ތަޢުލީމީ މަރުކަޒެކެވެ.

މި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމުން، ޤާނޫނީ ދާއިރާގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން