މިނިސްޓްރީ އޮފް ހެލްތާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެމްޕޮކްސް ދިވެހިރާއްޖެއަށް ފެތުރުމުގެ ފުރުޞަތު އޮތް މިންވަރު ވަޒަންކޮށް، އެ ބައްޔަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި ގޮތުން، ރާއްޖެއަށް ބަލި އައުމުގެ ރިސްކު އެސެސްމަންޓެއް ހެދުމާއެކު، ބަލި ފެތުރުން ހުއްޓުވުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ބޭނުންވާ ތައްޔާރީތައް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ. އަދި ޞިއްޙީ ޚިދުމަތްތެރިން މި ބައްޔަށް އަހުލުވެރިކުރުވުމާއި ސަރވެއިލަންސް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
މިހާރު އެމްޕޮކްސް އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ އެހެނިހެން ޤައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 116 ޤައުމަކުން 99,000 އަށްވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓުކުރެވިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ މި މަހުގެ 14 ވަނަ ދުވަހު އެމްޕޮކްސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ޙާލަތު އިޢުލާންކުރެވުނީ، ކުރިން އެފްރިކާގެ ޤައުމުތަކަށް މަޙްދޫދުވެފައިވާ މި ބަލީގެ އައު ސްޓްރެއިނެއް ފެނި، އެހެން ޤައުމުތަކަށް ފެތުރެމުންދާތީއެވެ.
ރާއްޖޭގައި މިހާތަނަށް އެމްޕޮކްސްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވިނަމަވެސް، ބައްޔަށް ތައްޔާރުވުމުގެ ގޮތުން އެޗްޕީއޭއިން މި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.