ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން، ކުޑަ އަގުގައި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ނަގާފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކުރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ހުށަހެޅުމަށްފަހު، ވޯޓަށް އެހުމުން 76 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ތާއީދުކުރައްވާފައެވެ.
މި އިސްލާހުގެ ދަށުން، ބިލު ފާސްވެ ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދޭ ފަރާތްތަކަށް، މިހާރު ދައްކަންޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން، އިތުރުވާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު އަދި މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 5 މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ.
މި އިސްލާހު ގެނައުމުގެ މަޤްޞަދަކީ، ކުޑަ އަގުގައި ކުއްޔަށް ނަގާފައިވާ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް ފުރުސަތު ދިނުމާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. މި ބިލު ފާސްވުމާއެކު، ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.