މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ކުޑަކުދިންނަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކޮށްފައެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ މި ބޭހުގެ ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އިތުރަށް ބަލައި ވަކި ގޮތެއް އަންގަންދެންނެވެ.
އެމްއެފްޑީއޭ އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޮފްސީ ސިރަޕްގައި ކުނޑި ކޮޅުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ކޮފްސީ ސިރަޕަކީ އާންމުކޮށް ރޯގާ އާއި ކެއްސުމަށް ކުޑަކުދިންނަށް ދޭ ބޭހެކެވެ. މި ބޭސް އުފައްދަނީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއަރ ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
އެމްއެފްޑީއޭ އިން އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލަ އެ އޮތޯރިޓީން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން އަންގަވާފައިވެއެވެ.