ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އެންމެ 5 އިންސައްތައިގައި ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މިހެން ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން މަދުވުމުގެ އެއް ސަބަބަކީ މި ސިނާއަތުގައި ހުރި މައްސަލަތައްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ބައެއް ރިސޯޓުތަކުގައި އަންހެނުންނާމެދު ތަފާތުކުރުން ގެންގުޅުމާއި، މަތީ ފަންތީގެ މަޤާމުތަކަށް ދިއުމަށް އަންހެނުންނަށް ހުރަސްތައް ހުރިކަން ހިމެނެއެވެ.
"ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރި އިރުވެސް އަދިވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ގޮންޖެހުންތައް ދިމާވުމަކީ އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާކަމެއް," މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސް ކުރެއްވިއެވެ.