ހެޔޮލަފާ އަންތބަކުނަމަ ތިބާއަށްޓަކައި ނުވާނެ ޤުރްބާނީއެއް ނުއޮންނާނެއެވެ. ކޮށްނުދޭނެ ކަމެއްވެސް ނުއޮންނާނެއެވެ. ތިބާއަށް އުނދަގޫވާވަރަށް ކަންކަމުގައި އެހީތެރިވެދޭނެއެވެ.
ނަމަވެސް އެއީ ހިލެއަކު ނޫނެވެ. އެހުރިހާ ކަމެއް ކޮށްއެދެނީ އަގަކަށެވެ. މިހާރު ކުރިމަވާ އެންމެ ބޮޑު އެއްމައްސަލައަކީ އެއަގު އަދާކުރަން ފަސްޖެހެވޭ ކަމެވެ. އަނބިމީހާގެ ކިބައިން މިބުނި ހުރިހާ ކަމެއްލިބެން ބޭނުންވެއެވެ. ލިބުމުން ހިތް އުފަލުން ފުރެއެވެ. ނަމަވެސް އަގުއަދާކުރަން ޖެހުމުން އެކަން މިވަނީ ވަރަށް ބޮޑު ކަމަކަށެވެ.
އެއަގަކީ ފައިސާއިން އަދާކުރަންޖެހޭ އަދި ފައިސާއިން އަދާކުރެވޭނެ އަގެއްވެސް ނޫނެވެ. އެހުރިހާ ކަމަކަށް އަދާކުރަންޖެހޭ އަގަކީ ތިބާ ކައިވެނިއިރު ވީވަޢުދުތަކުގައި ޘާބިތުވުމެވެ. އަނބިމީހާ ދެކެ ލޯބިވުމާއި އަޅައިލުމާއި ބޭވަފާތެރިނުވުމާއި މަކަރުހަދައި އޮޅުވައިނުލުމާއި ފުދުންތެރިކަން ހުރިމިންވަރަކުން އަނބިމީހާއަށް އެހީތެރިވެދީ އޭނާ ބެލެހެއްޓުމެވެ.
މިބުނެވުނު ހުރިހާ ކަންކަމަކީވެސް އެކަންކަން ކުރަން ތިބާ އެންމެކުރިންވެސް އެތައް ފަހަރަކު ވަޢުދުވެފައިވާ ކަންކަމެވެ. ވީމާ އެކަންކަން ނުކުރުމަކީ ތިބާވީ ވަޢުދުތަކާއި ޚިލާފްވުމެވެ. ވަޢުދުތައް އުވާލުމެވެ.
ހެޔޮލަފާ އަނބިން ކޮށްދޭ ޚިދުމަތަށް އަދާކުރަންޖެހޭ އަގު ތިބާ އަދާކުރަމުން ގެންދާނަމަ ތިބާއަށްވުރެ އުފަލުގައި ހުރެވޭނެ އެހެން މީހަކު ނުވެސް ހުންނާނެއެވެ. އެއީ ތަޖުރިބާއިން ޔަޤީންވާ ކަމެކެވެ.
- ޝަމްވީލާ / މިއަދުނޫހަށް