ދުނިޔެއަށް ފޮނުއްވެވުނު އެއްވެސް މީހެއްގެ ފުރާނަ ދުވަހަކުވެސް މަރެއް ނުވާނެއެވެ! ދިރިދެމިހުންނާނެއެވެ! ފުރާނައިގެ ދިގު އުމުރުގައި ފުރާނައަށް ސަލާމަތާއި ރައްކައުތެރިކަން ލިބެން ބޭނުންވާ ނަމަ އެކަން ކުރުމުގެ ފުރުޞަތު އޮތީ ހަމައެކަނި ދުނިޔޭގައި ތިމާ ހޭދަކުރާ ޙަޔާތުގައެވެ. ވީމާ އެކަމަށް އިހްމާލުނުވާށެވެ! ތިމާގެ ފުރާނައަކީ ނަރަކައިން ސަލާމަވެ ސުވަރުގެ ލިބިގެންދާނެ ފުރާނައެއް ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ!
ދުނިޔޭގައި ހޭދަކުރަން ލިބޭ ޙަޔާތަކީ ވަރަށް މަދު ދުވަސްކޮޅެކެވެ! ޢުމުރަކީ ވަރަށް ކުރުއެއްޗެކެވެ. ފުރާނައަށް ކަނޑައެޅިގެންވާ ދުނިޔޭގެ ޙަޔާތް ނިމުމުން މަރުގެ މަލާއިތަކާ ވަޑައިގެން ހަށިގަނޑުން ފުރާނަ ނެރުއްވަވައިގެން ގެންދަވަނީއެވެ. ކާފިރުންގެ ފުރާނަ އެމީހުންގެ ހަށިގަނޑުން ނުނުކުންނަށް ގަދަ ދައްކާނެއެވެ. ނަމަވެސް އެކަމުގެ ވަގުތުޖެހުމުން ފަޅި ސިކުންތެއްވެސް އިތުރަށް ނުދެއްވަވައި ނެރުއްވަވާނެތެވެ! އެފަދަ މީހކަށްވެވިއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!
ސުވަރުގެ ހޯދަން ކުރަންޖެހޭ ކަންކަމަކީ އެއްވެސް މީހަކަށް ސިއްރުވެގެންވާ ކަންކަމެއް ނޫނެވެ! ކުރަންވީ ކަންކަން އޮތީ ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގޭށެވެ!
ސުވަރުގެ ހޯދަން ކުރަން ޖެހޭ މަސައްކަތުގައި އެމީހާގެ ހުރިހާ ވަގުތުތައް އެކަމަށް ހޭދަކުރާކަށްވެސް ނުޖެހެއެވެ! ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވުމާއި ކިޔަމަންތެރިވުމެވެ. އެގޮތުގައި މީހާ ކުރާ ކޮންމެ ޢަމަލަކީ އެމީހާ އަށް ސަވާބު ދެއްވަވާ، ސުވަރުގެ ވަދެވުމަށް މަގުފަހިވާ އަމަލެއް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ.
ސުވަރުގެ ވަނުމަށް އެދޭމީހާ އެމީހާގެ ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް ކުރާށެވެ! ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުގައެވެ! ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އިންތަކުގެ ތެރެއިންނެވެ. ﷲ ތައާލާގެ ޙަޟްރަތުން ރަޙްމަތާއި ބަރަކާތަށް އެދެމުންނެވެ! އަދި އަމިއްލަ ދިރިއުޅުމަށާއި ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބިގަތުމަށް ކުރަން ބޭނުން ކަންކަން ކުރާށެވެ! ނަމަވެސް ހަމަ ކުރިން ބަޔާންކުރި އިންތަކުގެ ތެރެއިންނެވެ. އެއިރުން އެކަންކަންވެސް ވެގެންދާނީ ތިމާއަށް ސަވާބު ލިބޭ ކަންކަމަށެވެ!
ވީމާ އިސްލާމް ދީނަށް ޢަމަލުކުރުމާއި ސުވަރުގެ ހޯދަން ކުރަން ހުރި މަސައްކަތްތަކަކީ އެއްވެސް ބުރަ ކަމެއް ކަމަށް ނުދެކޭށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެކަންކަން ވަނީ ވަރަށް ބޮޑަށް ފަސޭހަކުރައްވަވައިފައެވެ. ފަސޭހަކޮށް ދެއްވެވި މިންވަރު ނިކަން ދެކެބަލާށެވެ! އަތުން ކަމެއް ނުކުރި ނަމަވެސް ދުލުން އެއްޗެއް ނުކީ ނަމަވެސް ހަމައެކަނި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންވެސް ލައްވަވައި ދެއްވަވާފައިވަނީ އަޅުކަމުގެ ގޮތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން