ލޯތްބަކީ ލޯކަނު އެއްޗެއްކަމަށް ބުނަނީ ހަމައެކަނި ލޯބިވެރިޔާގެ ހުންނަ އުނިސިފަތައް ނުފެންނާތީއެއް ނޫނެވެ. ލޯބިވެރިޔާގެ ހުންނަ ބޮޑެތި އަޢިބުތަކާއި ނުކުޅެދުންތެރިކަންވެސް ނުފެންނާތީއެވެ. މާނައަކީ ފެނުނަސް މައްސަލައަކަށް ނުވެ ލޯބިވާތީއެވެ.
ތިރީގައިވާ ވާހަކައަކީ ލޯބީގެ ބާރު ގަދަކަމާއި ތެދުވެރި ލޯބިން ލޯބިވާނަމަ ދިރިއުޅުން ކާމިޔާބުކުރެވޭނެކަން އަދި އުފާވެރިކަންވެސް ހޯޑޭނެކަން އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިޑާޅުވެލައްވާށެވެ!
އެއީ ވެސް ލޯބިވެގެން ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރި ދެމަފިރިންނެވެ. ދެމީހުންވެސް އައީ ވަޒީފާއަދާކުރަމުންނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ފިރިމީހާއަށް ރަނގަޅު ފެންވަރެއްގެ މަޤާމަކަށް ޕްރަމޯޝަން ލިބުނުތާ ކުޑަދުވަސްކޮޅެއްގެގައި ދެމަފިރިން ދުއްވި ކާރު އެކްސިޑެންޓްވެ އަނބިމިހާގެ ދެފައި ބުރިކޮށްލަން ޖެހުނެވެ.
ފުރަތަމަކޮޅު ފިރިމީހާ އަނބިމީހާއަށް އަޅައިލިއެވެ. ލޯބިދީގެން ގެންގުޅުނެވެ. ނަމަވެސް އަހަރެއްހައި ދުވަސްވީތަނާ އަނބިމީހާގެ މަތިން ފޫހިވެ އޭނާ ދޫކޮށްލަން ބޭނުންވިއެވެ. "ކަލޭކަހަލަ ނުކުޅެދޭ މީހަކާއިއެކުގައި މުޅި ޢުމުރު ދުއްވައެއް ނުލެވޭނެ. އަހަރެން ވަރުބަލިވެއްޖެ. ކަލެއަކީ ދަރިއަކު ލިބޭނެ އަންހެނެއްވެސް ނޫން." ކަމަށް ފިރިމިހާ ބުނުމުން އަނބިމީހާ ވަރަށް ދެރަވިއެވެ.
އަނބިމީހާ ރޮއި އާދޭސްކޮށްފައި ބުންޏެވެ. "އަހަރެން މިޙާލުގައި އެއްލައިނުލާށެވެ! ދެވަނަ އަންތބަކާއި ކައިވެނިކުރިޔަސް މައްސަލައެއް ނެތެވެ. އަހަރެން ނިކަމެތިކޮށްނުލާށެވެ." ފިރިމީހާ އައިރުޅީގައި އަނބިމީހާ ގޮނޑިން ވައްޓާލުމަށްފަހު ބުނީ އޭނާ ވަނީ ގޮތް ނިންމާފައި ކަމަށާއި ވަރިކޮށްފައި މިދަނީ ކަމަށެވެ.
އަނބިމީހާ އެކަނިމާއެކަނި މަހެއްހައި ދުވަހު ހިތާމައިގައި އިނުމަށްފަހު އޭނާގެ ޙާލު ފޭސްބުކުގައިލިޔުނެވެ. އަދި އޭނާފަދަ ނުކުޅެދުންތެރި އަންހެނަކަށް ހެޔޮއެދިގެން ﷲ އަށްޓަކައި ބަލައިދޭނެ ފިރިއަކަށް އެދިއެދި ހުރިކަމަށްވެސް ލިޔުނެވެ.
ޕޯސްޓް ލިޔުނުތާ 2،3 ދުވަސްތެރޭގައި ހަމަ ޒުވާން ފިރިހެނަކު އޭނާއާއި ބައްދަލުކުރިއެވެ. އޭނާއަކީ ކުރީގެ ފިރިމީހާގެ އެކުވެރިއެކެވެ. އޭނާ ބުނީ ކުރިންވެސް ވަރަށް ލޯބިވާކަމަށާއި ނުކުޅެދޭ ޙާލުގައިވެސް ލޯބިވާކަމަށެވެ.
ދެމީހުން ކައިވެނިކޮށް ވަރަށް ލޯބިން ދިރިއުޅެމުން ފިރިމީހާ ރެސްޓޯރަންޓެއް ހުޅުވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރި ރަނގަޅުވެ ރަނގަޅު ފައިދާއެއް ލިބޭތަނަކަށް ބަދަލުވިއެވެ.
7 އަހަރު ފަހެވެ. ލިބިފައިވާ 3 އަހަރުގެ ދަރިފުޅު ގޮވައިގެން ދެމަފިރިން ރެސްޓޯރަންޓުގައި އުޅެފައި ގެއަށްދާން ކާރަށް އަރަންދިއައިރު މީހަކު ކުނިވަށިގަނޑުން ކާއެއްޗެތިނަގާތީ ފިރިމީހާ އޭނާގެ ގާތަށްދިއައިރު އެއީ އަނބިމީހާގެ ކުރީގެ ފިރިމީހާއެވެ. ދެމީހުން ވާހަކަދައްކަން ތިއްބައި އެތަނަށް އަނބިމީހާ ދިއުމުން އޭނާ ދިއައީ ސިއްސައިގެންނެވެ.
ކަންކަން މެދުވެރިވި ގޮތް ދެވަނަ ފިރިމީހާ ކިޔައިދިނެވެ. އަދި އަނބިމީހާ ހިނގައި އުޅޭތާ 6 އަހަރުވެއްޖެކަމަށާއި ހިނގަނީ ޖަހާފައިވާ ފައެއްގެ އެހީގައިކަމަށާއި ދެމަފިރިންގެ ކައިވެންޏަކީ ވަރަށް ކާމިޔާބު ކައިވެންޏެއްކަމަށްވެސް ބުންޏެވެ. އަދި ކުއްޖާއަކީ ދެމަފިރިންނަށް ލިބިފައިވާ ދަރިއެއްކަމަށާއި މިހާރުވެސް އަނބިމީހާއިނީ ބަލިވެކަމަށްވެސް ބުންޏެވެ.
ކުރީގެ ފިރިމީހާ ބަސްހުއްޓިފައި ހުއްޓާ އަނބިމީހާ ބޭނުންވީ އަވަހަށް ދުރަށްދާށެވެ. ދަރިފުޅަށް ލަސްވާކަމަށްބުނެ 3 މައިން އެކުގައި ދާން ހިނގައިގަތުމުން އޭނާގެ ލޮލުން ކަރުނައޮހޮރެން ފެށިއެވެ. ސިކުނޑި ގޮވިއެވެ! އަޑުގަދަކުރަން ފެށުނެވެ! "ކަލޭގެ ފިރިއަކަށްވާންޖެހޭނީ އަހަރެންނެވެ! ކަލޭދެކެ އެންމެ ބޮޑަށް ލޯބިވީވެސް އަދި ލޯބިވާނީވެސް އަހަރެންނެވެ. މާފުކުރާށެވެ! މާފުކުރާށެވެ!" އަޑުގަދަކުރަމުން ރޯއަޑަށް އަނބިމީހާ ފަހަތަށް އެނބުރިލާފައި "އަހަރެން ކަލެއަށްޓަކާ ހެޔޮދުޢާކުރަން" ކަމަށްބުނެފައި ފަހަތް ބަލައިވެސް ނުލާ ދިއައީއެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ޚުލާޞާއެކެވެ. މިއީ ފިލްމަކަށްވީނަމަވެސް ވަރަށް ޢިބްރަތްތެރިކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ހިތުގެ އަޑިން ލޯބިވުމުގައިހުރި ބާރެވެ! ދެފައި ނެތް އަންހެނަކާއި އޭނާ އެކައިވެނިކުރީ އޭނާދެކެ ކިހާބޮޑަކަށް ލޯބިވާތީހެއްޔެވެ؟ އަދި އެފަދަ ހެޔޮ ވިސްނުމެއް ލިބުމުން ރަނގަޅު ގޮތުގައި އަނބިމީހާ ގޮވައިގެން ދިރިއުޅެން ފެށުމުން ލިބުނު ތަނަވަސްކަން ނިކަން ދެކިބަލާށެވެ. އަދިކީއްހެއްޔެވެ؟ ހިނގޭނެ ގޮތްވެސްވީއެވެ. ދަރިންވެސް ލިބުނީއެވެ. ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދެމަފިރިންގެ ކައިވެނީގައި ބަރަކާތްލެއްވެވީއެވެ.
އަނބީމީހާއަށް ނުވަތަ ފިރިމީހާއަށް ނިކަމެތި ޙާލެއް ޖެހުމުން ބާކީކޮށް އެއްލާލާފައިވާ ދާމީހުންނަށް ރަނގަޅު ފިލާވަޅެއް ކަމަށް ދެކެމެވެ.
- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް