ކޮންމެ ދުވަހަކު ކައްވަޅުން ތެދުވެ ޙިމާރެއްގެ އަޑުލައްވާ ޒުވާނާއަށް އެމުޞީބާތް ޖެއްސެވި ސަބަބާ މިހާރުގެ ދަރިން މައިން ބަފައިންނަށް ބުނާ ބަސްތަކާ އެއްވެސް ތަފާތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮންމެ ދުވަހަކު ކައްވަޅުން ތެދުވެ ޙިމާރެއްގެ އަޑުލައްވާ ޒުވާނާއަށް އެމުޞީބާތް ޖެއްސެވި ސަބަބާ މިހާރުގެ ދަރިން މައިން ބަފައިންނަށް ބުނާ ބަސްތަކާ އެއްވެސް ތަފާތެއް ނެތް!

ފުރަތަމ މިކިޔައިދެނީ ކޮންމެ ދުވަހަކު ޢަޞްރުގެ ފަހުން ކައްވަޅުން ތެދުވެ ޙިމާރުގެ އަޑުލައްވާ ޒުވާނާއަށް އެބޮޑު މުޞީބާތް ޖެހުނު ސަބަބެވެ. 

އެޒުވާނާއަކީ ބަނގުރާ ބުއިމުގައި ހައްދުފަހަނައަޅައިދިއަ ޒުވާނެކެވެ. އަހުރެމެންނަށް އަހުރެމެންގެ މައިން އިންތިޒާރުކުރާހެން އޭނާގެ މަންމަވެސް ކޮންމެ ރެއަކުވެސް އޭނާގެ ދަރިފުޅަށް އިންތިޒާރުކުރެއެވެ. ގެއަށް ދިއުމުން ދަރިފުޅުގެ އުޅުން އިޞްލާޙްކޮށް ނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވުމަށް ނަޞޭޙަތްތެރިވެއެވެ. 

"ދަރިފުޅާއެވެ. ﷲ ތަޢަލާއަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ! ތިއަކުރަނީ އެންމެ ނުބައިކަން ބޮޑު ފާފައެކެވެ. ބަނގުރަލަކީ ހުރިހާ ފާފަތަކެއްގެ މަންމައެވެ. ތިއަކުރާ ޢަމަލަކީ ޝައިޠޯނާ މީސްތަކުން ލައްވައި ކުރުވާ އެންމެ ނުބައިކަން ބޮޑު އެއް ފާފައެވެ. ސުވަރުގެއާއި ގާތަށް ދާން ބޭނުންވާނަމަ ތިއަ ނުބައިކަން ބޮޑު ފާފަކުރުން ހުއްޓައިލާށެވެ! ދަރިފުޅާއެވެ! ޝައިޠޯނާ މީސްތަކުން ލައްވައި ތިއަ ނުބައި ޢަމަލުކުރުވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ދުރުހެލިކުރުވުމަށާއި ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ހުރަސް އެޅުވުމަށެވެ." 

މިފަދަ މޭރުމަކުން ނަޞޭޙަތް ދިނުމުން އެދަރިފުޅު އޭނާގެ މަންމައަށް ބުނާނެއެވެ. "ހިމާރެއްގެ އަޑު ނެރުން ހުއްޓައިލާށެވެ!" 

އެޒުވާނާ މަރުވީއެވެ. ވަޅުލުމުން ކޮންމެ ދުވަހަކު ޢަޞްރުގެ ފަހުން (ޢަޞްރު ވަޤުތު ޖެހުމުން) ކައްވަޅުން އެޒުވާނާ ތެދުވެއެވެ. ބޯހުންނަނީ ޙިމާރެއް ފަދައިންނެވެ. ހަށިގަނޑު ހުންނަނީ އިންށާނެއް ފަދައިންނެވެ. ތެދުވެ 3 ފަަހރު ހިމާރެއްގެ އަޑު ލައްވާފައި އަނެއްކާވެސް އަޑިއަށްދަނީއެވެ. 

މިއަދު ދަރިންނަށް އެކުދިން ކުރާ ކަންކަމާއި ގުޅިގެން ނަރަކއިގެ ޢަޛާބަށް ބިރުވެތިވާން ނަޞޭޙަތްދިނުމުން ކުޑަކުދިންވެސް ބުނަނީ އެމީހުންނަށް މިނިވަންކަމާއިއެކު ނޭވާލާނެ ފުރުޞަތު ދިނުމަށެވެ. އެމީހުންގެ މިނިވަންކަމާއި އުފާތަކަށް ހުރަސް ނުއެޅުމަށެވެ. މިފަދަ އެތައް ބަސްތަކެކެވެ. 

މިއަދުގެ ކުދިން އެޒުވާނާގެ ބަސްމަގުހައި ހުތުރު ބަސްމަގު ބޭނުން ނުކުރިނަމަވެސް މިބުނެވެނީ ކީކޭހެއްޔެވެ؟ މައިންބަފައިން ހެޔޮ ނަޞޭޙަތް ދިނުމުން މިދެވެނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހުރެންގެ ވިސްނުމުން ވިސްނާއިރު ބަސްމަގުގައި ތަފާތުކަމެއް ހުރިނަމަވެސް މިދެވެނީ ހަމަ އެބާވަތެއްގެ ޖަވާބެކެވެ! 

ލޮބުވެތި ދަރިންނޭވެ! މައިންބަފައިންދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ! ތިކުދިންނަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުމަށް އެންމެ ބޮޑަށް އެދޭނީ މައިންބަފައިންނެވެ. އަދި ދެރަގޮތެއް މެދުވެރިވެއްޖެނަމަ އެންމެ ބޮޑަށް ހިތާމަކުރާނީވެސް ހަމަ މައިންބަފައިންނެވެ. ތިއަކުދިންނަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް އެންމެ ބޮޑަށް ކަންބޮޑުވެ ހިތާމަކުރާނީވެސް މައިންބަފައިންނެވެ. 

ހަމަ އެއާއިއެކު ހަނދާންކުރާށެވެ! މައިންބަފައިންދޭ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރުމާއި މައިންބަފައިން ދެރަވެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ކުރުމަކީ މަރުމަތީގައިވެސް ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށް ބޮޑެތި ޢިލްމުވެރިން ވަނީ ބަޔާންކުރައްވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން