ނަރަކައިން ސަލާމަތްވެވޭނެކަމާ ސުވަރުގެ ވައްދަވާނެކަން އެންމެ ޔަޤީން މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ނަރަކައިން ސަލާމަތްވެވޭނެކަމާ ސުވަރުގެ ވައްދަވާނެކަން އެންމެ ޔަޤީން މަގު-

ނަރަކައިން ސަލާމަތްވެވި ސުަވރުގެ ވަދެވޭނެކަން އެންމެ ޔަޤީން މަގަކީ ކޮބައިތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވަވައެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށެވެ. އިން ޝާ ﷲ

ދުނިޔޭގައިވާ އެހެން ކޮންމެ ފޮތަކުން ކަމެއް އޮޅުންފިލުވި ނަމަވެސް އެކަމެއް އިތުރަށް ޔަޤީންކުރަން އެބަޖެހެއެވެ. އެއީ ތެދެއްކަން ކަށަވަރުކުރަން އެބަ ޖެހެއެވެ. ކީރިތި ޤުރްއާނުގައިވާ އެއްވެސް ކަމެއް ޔަޤީންކުރަން ކުރަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އެއީ ޔަޤީންވެ ނިމިފައިވާ ބަސްފުޅުތަކެކެވެ. ހޯދައި ބެލިވަރަކަށް ޔަޤީންކަން އިތުރުވަމުންދާނެ ހެކިތައް އިތުރަށް ލިބެ އަންނަކަމީ އިލާހީ ކުޅަދުންވަންތަކަމުގެ މުޢްޖިޒާތްތަކުގެ ތެރެއިން މުޢްޖިޒާތެކެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ޢަމަލުކުރުމެވެ!

ކީރިތި ޤުރްއާން ކިޔަވައި އުނގެނުމުގެ ބޭނުމަކަށްވާން ޖެހޭނީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. ޢަމަލު ނުކުރާނަމަ ކިޔެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ޙަޔާތުގެ ކަންކަމަށް ބަލައިފިނަމަ މުސްލިމުން ޢަމަލުކުރަންޖެހޭ ގޮތް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި ނުވާ އެއްވެސް ކަމެއް ނުވެއެވެ. ޢާއިލީ ގުޅުމުން ފެށިގެން ވަރި ކައިވެނީގެ ޙުކުމްތަކަށް ބެލިނަމަވެސްމެއެވެ. ދެމަފިރިންގެ ގުޅުން ބަހައްޓަންޖެހޭ ގޮތުން ފެށިގެން ދަރިން ތަރުބިއްޔަތުކުރުމާއި ހަމައަށްވެސް މެއެވެ. އަދި އެންމެ ގިނަ ބައަކު ހޯދަން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ލޯނު ނެގުމާއި ބެހޭ ގޮތުން ނަމަވެސްމެއެވެ.

ދުނިޔޭގައި އަމަލުކުރާ ޤާނޫނުތަކަށް ބޯ ނުލެނބުމުން ފުލުހުން ފިޔަވަޅު އަޅައެވެ. ކޯޓުތަކުން ޙުކުމްކޮށް އަދަބުދެއެވެ. ކީރިތި ޤުރްއާނަށް އަމަލު ނުކުރުން ވެސް އޮތީ ހަމަ މިފަދައިންނެވެ. ނުވަތަ މާހަރުކަށިކޮށެވެ. އެހެނީ ޤާނޫނަށް ޢަމަލު ނުކޮށްފައި ފިލައިގެން ނުވަތަ ބާރާ ނުފޫޒު ބޭނުންކޮށްގެން ސަލާމަތްވެ ހުރެވިދާނެއެވެ. އެއީ ޤާނޫނު ހެދިމީހުންގެ ނުކުޅެދުންތެރިކަމުންނެވެ. ގިނަ ފަހަރު އެގޮތަށް އެކަން ކުރެވެނީ ޤާނޫނު ތަންފީޒުކުރަން ތިބޭ މީހުން ފަސާދަވެ ދުނިޔޭގެ އެދުމަށް ވިކިފައި ތިބޭތީއެވެ!

ކީރިތި ޤުރްއާނަށް ބޯނުލަނބައި، ޢަމަލު ނުކުރި މީހަކަށް ޤިޔާމަތް ދުވަހު ފިލައެއް ނުހުރެވޭނެއެވެ. ޖެހޭނީ ﷲ ތަޢާލާގެ ދަރުބާރަށް ޙާޒިރުވެ ކުރި ހުރިހާ ކަންކަމަށް އިޢްތިރާފްވާށެވެ! ކީރިތި ޤުރުއާނުގައިވާ ޤަވާއިދުތަކާއި (ޙުކުމްފުޅުތަކާއި އެންގެވުންތަކާއި) ޚިލާފަށް ކުރި ހުރިއެކަމަކަށް ޙައްޤު ޖަޒާ ލިބިގަންނާށެވެ!

އެކަމަށް ދެކޮޅު ހެދުމުން ދޫ ބަންދުކުރައްވަވާނެތެވެ! އެހިސާބުން ގުނަވަންތައް ހެކިދޭނެތެވެ! ތަކުރާރުކޮސްލާނަމެވެ! ދުނިޔޭގައި އިންސާނުން ހަދާފައިވާ ޤާނޫނުތަކަށް ޢަމަލު ނުކޮށް ފިލައިގެން އުޅެވުނު ނަމަވެސް ޤުރްއާނަށް ޢަމަލު ނުކުރާ މީހާއަށް ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ! ޖެހޭނީ އެކަމުގެ ޙައްޤު ޖަޒާ ލިބިގަންނާށެވެ!

ކުރުގޮތަކަށް ބުނާނަމަ ސުވަރުގެ ވަދެވެނީވެސް އަދި ނަރަކައަށް ވަންނަން ޖެހެނީވެސް ކީރިތި ޤުރްއާނާއިމެދު ޢަމަލުކުރެވޭ ގޮތަކުންނެވެ! ކީރިތި ޤުރްއާން ކިޔަވައި ޢަމަލުކުރިނަމަ ޤިޔާމަތް ދުވަހު، ﷲ ތައާލާގެ ޙަޟްރަތުގައި ޤުރްއާން ތިބާއަށްޓަކައި ޝަފާޢަތްތެރިވެ ތިބާ ސުވަރުގެ ވައްދަވަންދެން ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަށް އެދި ދަންނަވާނެތެވެ. މާނައަކީ ކީރިތި ޤުރްއާން ކިޔަވައި އަމަލުކުރިމީހުންގެ ފަހަތުން (ﷲ ތަޢާލާގެ އިޖްނަފުޅާއިއެކު) ކީރިތި ޤުރްއާން އައިސް ކޮށްޕައި ސުވަރުގެ ވައްދުވާނެތެވެ!

ކީރިތި ޤުރްއާނަށް އަމަލު ނުކުރި މީހުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! ނަރަކައިގެ ޢަޛާބަކީ ހާދަހައިވާ ގަދަފަދަވެގެންވާ ޢަޛާބެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން