ދެމަފިރިންގެ މެދުގައި ހިތްހަމަނުޖެހި ޒުވާބެއް ކުރެވޭ ވަޤުތުގައިވެސް ބައެއް މީހުންނަށް ވިސްނެނީ ތިމާ މޮޅުވާނީ އަނެކާއަށްވުރެ އަޑުގަދަކޮށް ޒުވާބުކުރުމުން ކަމަށެވެ. ތިމާގެ ބާރުހުރިވަރު ޢަމަލުތަކުން ދެއްކުމުން ކަމަށެވެ.
ނަމަވެސް މިއީ މިކަން އިންސާނުންގެ މެދުގައި އޮތްގޮތެއް ނޫނެވެ. ޖަނަވާރުންގެ މެދުގައި އޮންނަ ގޮތެވެ. ރުޅީގަދަވީމާ ގަދައަޑު ނެރުމާ އެކަތި އަނެކަތީގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރުމަކީ ބައެއް ޖަނަވާރުތަކަށް ލިބިގެންވާ ސިފައެކެވެ. އެއީ އިންސާނުން ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ.
ބުނަން ހެއްޔެވެ؟ ބައިވެރިޔާ ރުޅިގަދަވެ އަޑުގަދަކުރާނަމަ ނުވަތަ ހަރުކަށި ޢަމަލުތައް ކުރަން އުޅޭނަމަ އަޅައިވެސް ނުލާށެވެ! އަނގައިންވެސް ނުބުނެ ދުރަށްދާށެވެ! ކަމެއްވީކަމަށްވެސް އޭނާއަށް ނުދައްކާށެވެ!
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އޭނާ އެންމެ ބޮޑަށް ދެރަވާނީ އެއިރުންނެވެ. އެއިރުން އޭނާގެ ކަރުއެލިގެންދާނެއެވެ. ލެވިހަޅޭކުން ނުވަތަ ދައްކަންއުޅުނު ހަރުކަށިކަމުން ތިބާއަށް އެއްވެސް އަސަރެއް ނުކުރިކަމާއި އެކަންކަމަށް ތިބާ އެއްވެސް ވަރަކަށް ކަންބޮޑުނުވާކަން އެނގުމަށްވުރެ އެފަދަ މީހުން ދެރަކޮށް ނިކަމެތިކޮށްލެވޭނެ ގޮތެއް ނެތެވެ.
ބުނަންހެއްޔެވެ؟ އެޙާލަތުގައި ފަހަތުން ފުއްޕަމުން އައިނަމަވެސް އެއީ ހަމަ ދައްކާ މަންޒަރެކެވެ. އޭނާ ހުންނާނީ ބަލިކަށިވެ ނިކަމެތިވެފައެވެ. ދެން މިބުނަނީ އެންމެ އުފާވެރި ޚަބަރެވެ. ތިބާހުރީ ޙައްޤުގައި ނަމަވެސް ޒުވާބުނުކުރުމަކީ، ނުވަތަ ޒުވާބުކުރުން ހުއްޓައިލުމަކީ ސުވަރުގެއިން ގަނދުވަރެއް ދެއްވަވާ ކަމެކެވެ. އެހައިވެސް ބޮޑަށް އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެންވެއެވެ.
- އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން