މިދިއަ ޖުލައި މަހަކީ އެއްގަމާ ކަނޑުވެސް މުޅި ދުނިޔެއަށް އެންމެ ހޫނުގަދަ މަސް! ދާނީވެސް ހޫނުގަދަވަމުން! މުސްލިމުން ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މިދިއަ ޖުލައި މަހަކީ އެއްގަމާ ކަނޑުވެސް މުޅި ދުނިޔެއަށް އެންމެ ހޫނުގަދަ މަސް! ދާނީވެސް ހޫނުގަދަވަމުން! މުސްލިމުން ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅެއް!

ނިމިގެންދިއަ ޖުލައި މަސް ފާހަގަކުރެވިފައިވަނީ މުޅި ދުނިޔެއަށް، ނުވަތަ ދުނިޔޭގެ ބޮޑު ސަރަޙައްދަކަށް ފަހުގެ ތާރީޚުގައި އައި އެންމެ ހޫނު ގަދަ މަސްކަމުގައެވެ. 1940 ވަނަ އަހަރުގެ ފަހުން ބައްދަލުވި އެންމެ ހޫނުގަދަ މަސް ކަމުގައިވެސް ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއެކު ކަނޑުގެ ލޮނުގަނޑުގެ މަތީފަށަލައިގެ ހޫނުމިންވެސް ރެކޯޑް ޢަދަދަކަށް ގަދަވެގެންގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. 

ވިސްނައިލާށެވެ! އަދި މިއުޅެނީ މާބޮޑު ބަދަލެއް އައިސްގެނެއް ނޫނެވެ. ދުނިޔޭގެ ހޫނުމިން ކުޑަތަންކޮޅެއް މަތިވެލީއެވެ. ފިނިކުރާނެ ފަންކާތަކާއި އޭސީތަކާއި އެނޫންވެސް ވަސީލަތްތައް ބައިވަރެވެ. ޙައްޖު މޫސުމުގައި ޢަރަފާތުގެ ބިމަށް ގަނޑުފެން އަޅައި ފިނިކުރުމުގެ އިތުރުން މަތިން ފިނިވައި ފޮނުވައިގެންނާއި އޭސީތައް ބޭނުންކޮށްގެންވެސް ފިނިކުރަމުން ދަނިކޮށް ހޫނުގަދަވެ އެތައް ސަތޭކަ ބައަކު މަރުވިއެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިފިނަމަ މިއަހަރުގެ ހޫނުމޫސުން ވެގެން ދިއައީ އެންމެ ގިނަ ބައަކު މަރުވި ހޫނު މޫސުމަކަށެވެ. 

ހޫނުގަދަވުމުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މީސްތަކުން ކުރީ ކޮންކަމެއްހެއްޔެވެ؟ ލާ ހެދުމުގެ ފޭރާން ތުނިކުރީއެވެ. ކުރުކުރީއެވެ. ބިކިނީލައިގެން ޕާކުތަކާއި ގޮނޑުދޮށުގައި އުޅުން ގިނަކުރީއެވެ. 

އެހެންވީއިރު ނިކަން ބުނެބަލާށެވެ! ޤިޔާމަތް ދުވަހު އިރު މީސްތަކުންނާއި ދާދިގާތަށް ތިރިކުރެއްވެވުމުން ލިބޭ ގަދަ ހޫނުގައި 50000 އަހަރުދުވަހު ތިބެންޖެހުނީމާ ފިނިކުރަން އެމީހުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ނަރަކައަށް ވައްދަވައިފިނަމަ ނަރަކައިގެ އެގަދަ ހޫނުން ސަލާމަތްވާން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

ސައިންސްވެރިންނަށް ސަބަބުތައް ދެއްކިދާނެއެވެ. ނަމަވެސް އެއީ ޙަޤީޤީ ސަބަބުތަކެއް ނޫނެވެ. ޙަޤީޤީ ސަބަބުތަކަކީ މީސްތަކުންނަށް ﷲ ތަޢާލާގެ އެންގެވުންތަކާއި ދުރަށް ޖެހެވޭ ކަމެވެ. ތަޢުލީމީ ގޮތުން ކުރިއަރައި ދިއަނަމަވެސް ޖާހިލުކަން ބޮޑުވީމާ ކުރެވޭ ނުކުރެވޭ ކަންކަންވެސް ނުއެނގެނީއެވެ. އުޅެވޭ ނުއުޅެވޭ ގޮތްވެސް ނުއެނގެނީއެވެ. 

ދުނިޔެ ހޫނުގަދަވަމުން ދިއުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ގަދަފަދަ އިންޒާރެކެވެ. ޢަމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާން ދެއްވަވާ އިންޒާރެކެވެ. ހިތާމައަކީ އެކަންކަމަށް ވިސްނައިނުލެވޭކަމެވެ. 

މިހެން ބުނުމުން ކުރިމަތިކުރުވާނެ ސުވާލަށްވެސް ޖަވާބުދޭނަމެވެ. އެއީ ޢަރަފާތުގައި މަރުވީ ހެޔޮލަފާ މުސްލިމުން ނޫންހެއްޔެވެ؟ މިސުވާލަށް ދޭން އޮތް ޖަވާބަކީ މީސްތަކުންގެ ޢަމަލުތައް ނުބައިވުމުން ކުރިމަތިކުރައްވަވާ ކަންކަމުގައި ހެޔޮލަފާ މީހުންނަށްވެސް ކަންކަން ކުރިމަތިވާނެއެވެ. ތަފާތަކީ ހެޔޮލަފާ މީހުން މަރުވިނަމަވެސް އެމީހުން މަރުވުމުން އެމީހުންނަށް އޮތީ އުފާވެރިކަން ކަމެވެ. އެމީހުން އެވަނީ މާތަނަވަސް ރަޙްމަތުގައި ކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން