ހަމައެކަނި ނަމާދު ނުކުރުމެއް ނޫން! ނަމާދުގަ ކަންނެތްވުމަކީވެސް މަރުމަތީގަ ހިތާމަކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހަމައެކަނި ނަމާދު ނުކުރުމެއް ނޫން! ނަމާދުގަ ކަންނެތްވުމަކީވެސް މަރުމަތީގަ ހިތާމަކުރަންޖެހޭނެ ކަމެއް!

މުސްލިމުން އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަކީ ހިތާމަކުރަންޖެހޭ ޙާލުގައި މަރުނުވުމަށެވެ. ސަބަބަކީ އުފާކުރަމުން މަރުވެއްޖެނަމަ އެމީހަކަށް ކައްވަޅުގައާއި އާޚިރަތް ދުވަހު އުފާވެރިކަން ދެއްވަވާނެތީއެވެ. އެއިރުން ދުނިޔެ ދޫކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް އެދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާނެ މީހެއްގެ ގޮތުގައި ކަމަށްވާތީއެވެ. އިން ޝާ ﷲ 

މިރޭ ބަޔާންކޮށްދޭން މަސައްކަތް މިކުރަނީ އެމީހެއްގެ މަރުމަތީގައި ނުވަތަ ފުރާނަ ހިއްޕަވާ ވަޤުތު ހިތާމަކުރަންޖެހޭނެ ބައެއް މީހުންގެ ވާހަކައެވެ. އެއިގެ ތެރެއިން ފުރަތަމަ މީހަކީ ނަމާދު ނުކުރާ މީހުންނާއި ނަމާދުކުރި ނަމަވެސް ނަމާދަށް ކަންނެތްވާ މީހުންނެވެ. މިބުނަނީ ކަންނެތްވެ ޣާފިލުކަންމަތީގައި ނަމާދުކުރާ މީހުންގެ ވާހަކައެވެ. 

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ނަމާދުކުރާށެވެ! ނަމާދު ޤާއިމުކުރާ މީހަކަށްވާށެވެ! ނަމާދު ޤާއިމުކުރާނީ ފަރުޟު 5 ނަމާދު ޤަވާޢިދުންކުރުމުންނެވެ. ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހޭ ފަރުޟޫ 5 ނަމާދަށް ރައްކައުތެރިވެގެންނެވެ. ހަމަ އެއާއިއެކު ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަމާދުގައި ކަންނެތްވުމާއި ޣާފިލުވުމުން ސަލާމަތްވެހުރެ ނަމާދުކުރެވޭނީ އެއިރުންނެވެ. 

މިތަނުގައި އެއްވެ މިތިބަ އެތައް ހާސް މީހުންނަކީ ދީނުގެ ކަންކަމަށް ސަމާލުކަންޑޭ މީހުންނެވެ. ދަރުސް އަޑުއަހަން އައީ އެހެންވެގެންނެވެ. އެހެންކަމާއިއެކުވެސް ސުވާލެއް ކޮށްލަން ހެއްޔެވެ؟ ފަރުޟު 5 ނަމާދަށް ރައްކައުތެރިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަމިއްލަ ނަފްސަށް ޖަވާބުދޭށެވެ! އަދި ރައްކައުތެރިނުވެވޭ މީހުން މިރެއިން ފެށިގެންވެސް އިތުރަށް ސަމާލުކަންދީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން