ޤައުމީ އެއަރލައިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޤައުމީ އެއަރލައިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަނުން މިކަން އިއުލާނުކުރީ އިއްޔެއެވެ.

މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެއީ ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެޤައުމުގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

މިހާރު އަލުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިގެން ކުރިއަށްދާއިރު، ފްލައިޓްގެ އަދަދު ވަނީ މަދުކޮށްފައެވެ. ކުރިން ހަފްތާއަކު 2 ދަތުރު ކުރަމުންދިޔަ ނަމަވެސް، މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ބަންގްލަދޭޝަކީ މޯލްޑިވިއަނުން ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ މަދު މަންޒިލްތަކުގެ ތެރެއިން މަންޒިލެކެވެ. މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރަށެވެ.

މި ނިންމުމަކީ ބަންގްލަދޭޝްއަށް ދަތުރުކުރާ ފަސިންޖަރުންނަށާއި، ދެ ޤައުމުގެ ވިޔަފާރިއަށް ލިބޭނެ ހިތްވަރެއްކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން