އެއީ 1980ގެ ފަހުކޮޅު 1990 ގެ ކުރީކޮޅެވެ. އެއިރު ހުންނަ ޕަބްލިކް ހެލްތް ސާވިސަސް އިދާރާއިން ހެދީ ޤަވާޢިދެކެވެ. އެ ޤަވާޢިދުގައި އޮންނަ އެއްކަމަކީ ތަރުކާރީ ވިއްކާ ތަންތަނުގެ ދޮރުފަތުގަ ޑޯކްލޯޒަރ ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ.
ތަރުކާރީ ވިއްކާ ފިހާރައެއްގެ ޑޯކްލޯޒަރު ހަލާކުވީއެވެ. މާލެއިން ގަންނަން ލިބޭކަށް ނެތެވެ. ފިހާރައިގެ ވެރިފަރާތަށް ދިނީ 2 ދުވަހުގެ މުއްދަތެކެވެ. ފިހާރައިގެ ވެރިފަރާތަށް ޖެހުނީ ޖެހިގެން އޮތް ލަންކާއަށް ގޮސް ޑޯކްލޯޒަރެއް ގަނެގެން ގެނެސް ހަރުކުރާށެވެ!
އެއިރު އެތަންތަން ބަލައި ޗެކްކުކުރަން ހަފްތާއަކު މަދުވެގެން 3 ދުވަހު ޕަބްލިކް ހެލްތް އިންސްޕެކްޓަރުން ދެއެވެ. ގޮސް ބަލައި ޗެކުކުރެއެވެ. އެމަސައްކަތްކުރި މުވައްޒިފުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. މިކަންކަމަށް ހެކިދޭނެއެވެ.
މިއަދު ބުޅާމަހާއި އެހެންވެސް އެބާވަތުގެ ތަކެތި ވިއްކުން ޢާންމުވެގެން މިއުޅެނީ އެފްޑީއޭ އިން ހަދާފައިވާ ޤަވާއިދުތަކަށް ޢަމަލުކުރާކަން ބެލުމުގައި ބޮޑުތަނުން ފޭލްވެފައިވާތީއެވެ. ވިއްކަން ހުންނަ ތައްޔާރީ ކާނާގެ ބާވަތްތައް ހުރީ ކަނޑއަޅާފައިވާ މިންގަނޑުތަކަށްކަން ބެލެހެއްޓުމުގައި ފޭލްވުމުންނެވެ.
ދައުލަތުގެ އިދާރާތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ މެންޑޭޓް ތަންފީޒުކުރަން ކޮންމެ ކަމަކަށް ޤާނޫނެއް އޮންނާކަށް ނުޖެހެއެވެ. މެންޑޭޓުގެދަށުން ހަދާ ޤަވާޢީދުތައް ބަލައިގަންނަން ރައްޔިތުން އަބަދުވެސް ތިބެނީ ތައްޔާރަށެވެ. މައްސަލައަކަށްވަނީ ހަދާ ޤަވާޢިދުތައް ތަންފީޒުކުރަން ނުކުޅެދުމެވެ.
ޤަވާއިދާއި ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރުމާ ވިއްކުމުގެ ކަންކަމަކީ ނުބެލެހެއްޓި އެންމެ ބޮޑަށް ފޭލްވެފައިވާ އެއް ކަންތަކެވެ. އަދި އެއީ ރައްޔިތުންގެ ޢާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. އެހެންކަމުން މިއީ ކަމާއިބެހޭ އިދާރާތަކުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. އެކަން ނުކުރެވޭނަމަ އަބަދުވެސް ދާނީ އިތުރު މައްސަލަތައް ކުރިމަތިވަމުންނެވެ. ކުރިމަތިވާ މައްސަލަތަކުގެ ނުރައްކައުތެރިކަން ދާނީ އިތުރުވެ ބޮޑުވަމުންނެވެ.