ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ހެލްޕް ލައިނެއް ގާއިމުކުރުމަށް ނިންމައި، އެކަމުގެ މަސައްކަތްތައް ފަށައިފިއެވެ.
މިއީ ޞިއްހަތާ ބެހޭ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލަށް ހުށަހަޅައި، އެ ކައުންސިލުން ފާސްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ސޯޝަލް ކައުންސިލުން ނިންމާފައިވަނީ ޤައުމީ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ޤައުމީ ހެލްޕް ލައިން ޤާއިމުކުރުމާގުޅޭ ކަންކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.
މިކަމާ ގުޅިގެން އިއްޔެ ބޭއްވުނު ޚާއްސަ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން، ޞިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޤައުމީ ދިފާޢީ ބާރާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޝޯޓް ކޯޑް ލައިން ތަޢާރަފްކުރުމުގެ މަޤްޞަދަކީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އިދާރާ ނޭނގިގެން ރައްޔިތުންނަށް ދިމާވާ ދަތިކަން ހައްލުކޮށް، ލުއިފަސޭހަކަން ގެނެސްދިނުމެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.