ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުންނަށް ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދީގެން އެމީހުން ގެންގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭކަމަށެވެ.
"ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން މިހާރު މިނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް." ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރެވެއެވެ. ނަމަވެސް ވަޒީރު ވިދާޅުވީ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށެވެ.
މީގެ އިތުރުން، ބިދޭސީންނާގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.