ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދިރިއުޅޭ ދިވެހިންނާއެކު ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ޤައުމުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި، އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، އެ ފަރާތްތަކުގެ ޢާއިލާގެ މެންބަރުން ބައިވެރިވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، ރިޔާޟުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާލެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ތަޢުލީމު ހާސިލުކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ރާއްޖެއިން ބޭރުން ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރެއްވުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ދެއްވިކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ސަޢޫދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ސަޢޫދީގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވަވާފައެވެ.