އެމީހެއްގެ ގާތުގައި ޙަސަދަވެރިން ނުތިބޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ޙަސަދަވެރިން ނެތް އެކަކުވެސް ނުހުންނާނެއެވެ. އެންމެންގެވެސް ތިބޭނެއެވެ. އެކަމުން އެއްވެސް އިންސާނަކަށް ސަލާމަތްކަން ލިބޭނެ ނަމަ ރަސޫލާ ﷺ އަށް ލިބިވަޑައިގަތީހެވެ. އެކަމަކު ކަންކަންވީ ކިހިނަކުންހެއްޔެވެ؟ ބައެއްގެ ހިތުގައި އުފެދުނު ޢަދާވާތްތެރިކަމާއި ހަސަދަވެރިކަން ބޮޑުވެ ޤަތުލުކުރަން ނުނުކުމޭހެއްޔެވެ؟ ސިޙުރު ހަދައިގެން އަވަހާރަކޮށްލަން މަސައްކަތްނުކުރޭ ހެއްޔެވެ؟
ވީމާ ހަސަދަވެރިންނާއި ދުޝްމިނުން ކޮށްފާނެ ނުބައިކަންކަމަށް ވިސްނައި ރައްކައުތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ވިސްނަންވީ އަބަދު އެމީހުންނަށް ފާރަލުމަކަށް ނޫނެވެ. ފާރަލާނީވެސް ކިހިނަކުން ހެއްޔެވ؟ ހަސަދަވެރިންނަކީ ކޮބައިކަން ކުރިއާލައި އެނގޭނެ ގޮތެއްވެސް ނެތެވެ. އެނގެނީ ބޮޑެތި ގެއްލުންތައް ޑޭ ފަހުންނެވެ.
އެންކަމުން އޮތީ ދުޢާކުރުން ގިނަކުރުމެވެ! ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި ލައްވަވައި ދެއްވެވުން އެދިއެވެ. އަދި ޛުކުރުކުރުންމަތީގައި ދެމިތިބުމެވެ.
އެކަމަށްއެދި ކުރަންވީ ކަންކަން ވެސް އަހަރެމެންނަށް ވަނީ އަންގަވައިދެއްވަވައިފައެވެ. ދެއިރު ކިޔަންހުރި ޛިކުރުތައް އެހެރީ ޙަދީޘްފުޅުތަކުން އެނގޭށެވެ! ކުރަންވީ އެކަމެވެ! ޙަސަދަވެރިންނަށް ފާރަލަމުން ދުވަންވީއެއް ނޫނެވެ!
އެމީހަކާއިއެކުގައި ﷲ ތަޢާލާ ވަނިކޮށް އެމީހަކު ދެރަކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ވީމާ އެމަތިވެރިކަން ލިބިގަތުމަށްޓަކައި ކޮންމެ ކަމެއްގައިވެސް ތިމާ ތެދުވެރިވާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރާށެވެ! އެއަށްފަހު ހަސަދަވެރިންނާއި ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން